ޚަބަރު

އަލިފާނުގެ ހާދިސާ: ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

އަލީ ސަމާޙް ، ދެން އޮންލައިން
އަލިފާން ރޯވި ހ. ސަންގުރޭޒްގެ/ ފޮޓޯ: ވަގުތު

އިއްޔެ މާލޭގައި މަޖީދީމަގުގައި، އިބްރާހިމް މިސްކިތް ކައިރި ހުންނަ ހ. ސަންގުރޭޒް ގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ހަމަޖައްސައިދީފިއެވެ.

Ads by STELCO

އެ ގޭގައި އަލިފާން ރޯވީ އަވަނެއް އޯވާހީޓްވެގެން ކަމަށް ސިފައިން ވަނީ މައުލޫމާތު ދީފައެވެ. އަލިފާނުގެ ސަބަބުން އެ ގެއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ ''ދެން'' އަށް މިއަދު ވިދާޅުވީ އަލިފާން ރޯވި ގޭގައި ދިރިއުޅޭ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ ދެ ބިދޭސީންނާއި ދެ ދިވެހިންނެވެ.

އުމަރު ވިދާޅުވީ އެ މީހުން ވަގުތީ ގޮތުން ބަދަލުކޮށްފައިވަނީ ދެ ގެސްޓުހައުސްއަކަށް ކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް ކެއިން ބުއިން ހިމެނޭ ގޮތަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. ގެއަށް ލިބުނު ގެއްލުމުގެ އެސެސްމެންޓު ހެދުމުގެ މަސައްކަތް އެންޑީއެމްއޭއިން ފަށާފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަލިފާނުން ސަލާމަތްވުމަށް, އެ ގެ ހުންނަ ހަނިގޯޅި ތެރެއިން ނިކުންނަން އުޅުމުގެ ތެރޭގައި ފައި ތަނެއްގައި އަޅައިގެން ބިދޭސީއަކަށް އަނިޔާވިއެވެ. އެމީހާ އަށް އޭޑީކޭގައއި ފަރުވާދެމުން އެބަދެއެވެ. އަދި ދުވަސްވީ ދިވެހި ފިރިހެނަކާއި އަންހެނަކަށް ދުމުގެ އަސަރުކޮށްގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލަށް ގެންދިޔައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!