ޚަބަރު

425 މިލިއަން ރުފިޔާގެ އަގުހުރި ޑްރަގްސް ނައްތާލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ފުލުހުން ނައްތާލި މަސްތުވާތަކެެއްޗެއް/ ފޮޓޯ: ޕޮލިސް

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައިހުރި 103 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

Ads by MWSC

ފުލުހުން ބުނީ ދޫނިދޫގައި ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސެވެ.

އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތިހުރި 8293 ރަބަރު ޕެކެޓު، 2731 ސެލޯފިންކޮޅު، ފިލްމުހުސްކުރި 237 ދަޅު، 585 ބުލެޓު، 30 ބިޑި، 537 މަނާ ބޭސްގުޅައެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 3045 އައިޓަމެއް ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެތަކެތީގެ މަގުމަތީ އަގަކީ 425590234.92 (ހަތަރުސަތޭކަ ފަންސަވީސް މިލިއަން ފަސްލައްކަ ނުވަދިހަހާސް ދުއިސައްތަ ތިރީސް ހަތަރު ރުފިޔާ ނުވަދިހަ ދެލާރި)އެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލުން ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި، ދާޚިލި ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އޭގެ އިތުރުން ނޫސްވެރިންނާއި، މި ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރުުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓު ކުރި އާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!