ޚަބަރު

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިވާން އިލްތިމާސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެގައި ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ އިތުރުވާތީ މި ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިނގުމުގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި މިދިޔަ މަހުގެ ހަތަރަކުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ބޭރަށް ހިންގުމުގެ 674 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި، މިދިޔަ މަހުގެ 11 އިން 17 ވަނަ ދުވަހަށް ބަލީގެ 547 ކޭސް ރިޕޯޓުކޮށްފާވާއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ގެ ނިޔަލަށް 965 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އެޖެންސީން ވިދާޅުވިއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފަށައިގެން މާރިޗް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 889 ކޭސް ރިޕޯޓުކުރެވިފައިވާކަމަށް އެ އިދާރާއިން ހިއްސާކޮށްފައިވެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި، ބޭރަށް ހިނގުމުގެ އިތުރުން އެނބުރުން އެރުމާއި، ކަރުހިއްކުމާއި، ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ހިމެނެއެވެ.

ބޭރަށް ހިނގާނަަމަ ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުން, ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން, ފާހަނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނެޓައިޒް ކުރުން އަދި އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވާ، އަދި މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!