ބައެއް މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޭން އޭޖީ ލަފާދީފައި އެބަހުރި: އުޝާމް
އަމިއްލަ ފަރާތަތްކާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލުދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީން ބަދަލުގެ ގޮތުގައި ކަނޑައެޅި މިންވަަރަށްވުރެ އިތުރަށް ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގެންނެވުމަށް ފަހުން، ސެޓްލްމެންޓް ކޮމިޓީން ވަނީ އުވާލާފައެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމާއި ހަމަޔަށް އެ ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ނިންމައިފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ އެ ކޮމިޓީން ކޮށްފައިވާ މަސައްކަތުގެ ލިޔެކިޔުންތައް ރައީސް އޮފީހުން އޭޖީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެ ކޮމިޓީން ނިންމައިގެން 10 ފަރާތަކަށް ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން ރަށްތަކެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ. ބަދަލުގެ ގޮތުގައި ޖުމްލަ އެއް ބިލިއަން ރުފިޔާ ދީފައިވެއެވެ. އޭޖީ ވިދާޅުވީ އެ ކޮމިޓީން މައްސަލަތައް ނިންމާފައިވާ ގޮތުގެ ދިރާސާއެއް ހަދަމުންދާ ކަމަށެވެ. އޭގެ ތެރެއިން ފާހަގަވި ބައެއް ކަންތައްތައް އޭޖީ ވަނީ ހިއްސާކޮށްފައެވެ.
''ޝަރިއަތުގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައި ހުރި ފަރާތްތަކަށް ވިން ނުވާނެ ކަހަލަ މައްސަލަތައް އެބަހުރި ސެޓްލްކޮށްފައި. ބައެއް މައްސަލަތަކުގައި އެބަހުރި އޭޖީ އޮފީހުން ވަކި ގޮތަށް އަމަލުކުރުމަށް ލަފާދީފައި. ސެޓްލްމެންޓަކަށްދާ ކަމަށްވަނީނަމަ ވަކި މިންވަރެއް އޭޖީ އޮފީހުން ކަނޑައަޅާފައި ހުރި މައްސަލަތަކުގައި އެއަށްވުރެ ބޮޑެތި އަދަދު ދޫކޮށްފައި ހުރި މައްސަލަތައް އެބަހުރި'' އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، ސެޓްލްމެންޓް ކޮމިޓީން ނިންމާފައި ހުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިނުމަށް ފިނޭންސް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައި ހުރި އަދަދަކީ ކޮންގޮތަކަށް ކަނޑައަޅާފައިވާ މިންވަރެއްތޯ ބެލުމަށް އެސެސްމެންޓެއް ހެދުމަށްޓަކައި އޮޑިޓާ ޖެެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ނިންމުމާއެކު ކުރިއަށްދާނެ ގޮތް ހާމަކުރައްވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
ޢުޝާމުގެ ފަހުން ދެން ވަޑައިގަންނަވާ އޭ،ޖީ އަކަށް މިފަދަ ހެޑްލައިން ތަކެއް ހައްދަވާނެ ޖާގަ ނޯންނާނެ ގޮތަކަށް އުޝާމު މަސައްކަތް ކުރައްވައިފިނަމަ ހާދަ ރަނގަޅު ވާނެކަމަށް އަޅުގަނޑަށްފެނޭ.