ލޯބިވާ އެތައްބަޔަކު ވަކިވެގެން ހިނގައްޖެއެވެ. ނުފިލާ ވަނީ ހަނދާންތަކެވެ.
“ލޯބިވާ އެތައްބަޔަކު ވަކިވެގެން ހިނގައްޖެއެވެ. ނުފިލާ ވަނީ ހަނދާންތަކެވެ.” މީިއީ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއަކު ފޭސްބުކުގައި ހިއްސާކޮށްފައިވާ ބަސްކޮޅެކެވެ. ހަގީގަތުގައި ވެސް މިއީ ވަރަށް ގިނަ ވާހަކައެވެ. އަސަރުން ފުރިގެންވާ ވާހަކަ ތަކެކެވެ.
ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ލޯބިވާ މީހުން ތިބޭނެކަން ޔަގީނެވެ. އެއީ އިޝްޤީ ލޯބި، ނުވަތަ ރަޙުމަތްތެރިކަމުގެ ލޯބި ނަމަވެސް މެއެވެ. ހަމައެހެންމެ އާއިލީ ލޯބި ނަމަވެސް މެއެވެ. ބައެއްމީހުން ތިމާގެ ޙަޔާތަށް އަލްވަދާއު ވެސް ކިޔާފައިވެއެވެ. އަދި މަޖުބޫރީ ޙާލަތަކަށް ގޮސް، ތިމާގެ ޙަޔާތުން ނެރެލާފައިވެސް ކިތައް މީހުން ވާނެހެއްޔެވެ. ދަންނަވަންތޯއެވެ. ޙަޔާތުންވަކިވެގެން އެ ދަނީ އެމީހުންނެވެ. އެހެން ނަމަވެސް ހަނދާންތައް ވަނީ އަބަދަށްމެ ހިތު ތެރޭގައި ބިންވަޅު ނެގިފައެވެ.
ތިމާ އެންމެ ލޯބިން ގެންގުޅުނު ބައިވެރިޔާ ތިމާއާއި ވަކިވެގެން ގޮސްދާނެއެވެ. އެހެންނަމަވެސް އެކުގައި ލޯބިން ހޭދަކުރި ވަގުތުތަކާއި، ދިރިއުޅުމުގައި އެކަކު އަނެކަކު ވީ ވަޢުދުތައް ހަނދާނުން ފިލައިގެން ދާނެތޯއެވެ؟ ނުދާނެއެވެ. ކޮންމެވެސް ވަގުތެއްގައި، ކޮންމެވެސް ޙާލަތެއްގައި ތިމާއަށް އެކަން ހަނދާން ކުރެވޭނެއެވެ. އެކަމާ ހިތާމަކޮށް ގިސްލާ ރޮވޭނެއެވެ. އެވަގުތުތައް އަލުން ތަޖުރިބާ ކޮށްލަން ބޭނުން ވާނެއެވެ. އެހެންނަމަވެސް ކުރާނީ ފަހެ ކީއްހެއްޔެވެ؟ އެއީ މާޒީ އެވެ. މާޒީއާއި ދޭތެރޭ ވިސްނައިގެން ވާނޭ ފައިދާއެއް އެބައޮތް ހެއްޔެވެ؟
ތިމާގެ ލޯބިވެރިޔާ އެހެން މީހަކާ އެއްކޮށް އުޅޭތަން ބަލަން ތިމާއަށް ކެތްކުރެވިދާނެއެވެ. އެހެންނަމަވެސް ހިތަށް އަސަރު ކުރާނެކަން ގައިމެވެ. ތިމާގެ ޙަޔާތަށް އޭނާ އަނބުރާ ގެންނަން ވެސް ތިމާ ވިސްނާނެކަން ޔަގީނެވެ. އެހެން ނަމަވެސް އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިންވެސް ފުންމާލާނޭ ބުނާ އަޑު އަހަމުހެއްޔެވެ؟ އެހެން ކަމުން ޖެހިލުން ވަނީއެވެ. ކިތަންމެ ލޯބިވީ ކަމުގައި ވީނަމަވެސް ތިމާގެ ޙަޔާތުން އޭނާ ނެރެލާން ޖެހުނު ސަބަބެއް ވާތީއެވެ.ހަމަ އެ ހިތި ތިމާގެ އެލޯބިވެރިޔާގެ ފަރާތުން ތަކުރާރު ނުވާނޭކަމުގެ ޔަގީންކަން ނެތީމައެވެ.
ކޮންމެ ދުވަހެއްގެވެސް ކޮންމެވެސް ވަގުތެއްގައި އެކީގައި ހޭދަކުރި ވަގުތުތައް ތިމާގެ ހިތުތެރޭ އެނބުރޭނެއެވެ. ނަމަވެސް ކުރާނީ ވެސް ކީއްހެއްޔެވެ؟ ލޯބިވާނަމަ ހަނދާންތައް ފޮހެލެވޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އަބަދުވެސް އޭނާގެ ހަނދާންތައް ތިމާގެ ސިކުނޑީގައި އެނބުރޭނެއެވެ. ތަސްވީރު ކުރެވޭނެއެވެ. އެކަމާއި މާޔޫސް ވެސް ވާނެއެވެ. އެއީ ނުފިލާ ހަނދާންތަކެވެ. އެ ހަނދާންތައް އަބަދުވެސް ހިތުގައި ވާނެކަން ކަށަވަރެވެ.
ކޮންމެ މީހެއްގެ ވެސް ޙަޔާތުގައި އެންމެ ގާތްކޮށް ގެންގުޅޭ ރަޙުމަތްތެރިއެއް ވާނެއެވެ. “ ބެސްޓުފުރެންޑު” ނުކީ ނަމަވެސް އެހާ ގާތްކޮށް ގެންގުޅޭ ރަނގަޅު ރަޙުމަތްތެރިއެއް ހުންނާނެއެވެ. ހުރިހާ ކަމެއް ހިއްސާ ކުރާ ހަމައެކަނި ރަޙުމަތްތެރިއަކީ އެއީއެވެ. ދިރިއުޅުމުގައި އަޑިގަނޑެއް އަންނަ ހިނދު، އެ އަޑިގަނޑުން އަރައިގަތުމަށްޓަކައި އެންމެ ބޮޑު އެހީއެއް ވެދޭނީ އޭނާއެވެ. ވީއިރު އެއްކޮށް، އުފަލުގައި ކިހާ ސަކަރާތެއް ޖެހިފައި ހުންނާނެ ހެއްޔެވެ؟ ދުވަހަކުވެސް ހަނދާނުން ނުފިލާނޭ އެތައް ކަމެއް ދެމީހުން އެއްކޮށް ތަޖުރިބާ ކޮށްފައިި ހުންނާނެއެވެ.
ވަގުތާ ޙާލަތާ ބަދަލު ވަމުން ގޮސް މިތުރެއް ހަތުރަށް ބަދަލު ވާކަށް ސިކުންތެއް ވެސް ނުނަގައެވެ. އެންމެ ގާތްކޮށް ގެންގުޅުމުން އެ ގާތްކަމުގެ ބަދަލު ހިތިގޮތަކަށް ލިބުމަކީ ތިމާގެހިތް ކުދިކުދި ވެގެން ދިއުން ފަދަ ކަމެކެވެ. ކުރިން ކުރި އިތުބާރު، ވެއްޔާ މޮޑެވި، ދެވަނަ މީހަކަށް އިތުބާރު ކުރަން ޖެހިލުން ވާނޭ ކަމެކެވެ. ކުރާނީ ވެސް ކީއްހެއްޔެވެ؟ އަނބުރާ ދިރިއުޅުމަށް އޭނާ ގެންނަން ބޭނުން ނެތަސް ތިމާގެ ޙަޔާތުން އޭނަގެ ހަނދާންތައް ފޮހެލުމަކީ، ވާނޭ ކަމެއް ނޫނެވެ. އެހަނދާންތައް އަބަދުވެސް ހިތުތެރޭގައި ވާނެއެވެ. އަބަދުވެސް އެކަމާ ދެރަވެ، ހިތާމަ ކުރާނެއެވެ.
މިފަދަ، ލޯބިވާ އެތައްް ބަޔަކު ތިމާގެ ދިރިއުޅުމުން ވަކިވެގެން ގޮސްފައިވާނެއެވެ. އަދި ތިމާގެ ޙަޔާތުން އެތައް ބަޔަކު ވަކިވެގެންވެސް ދާނެއެވެ. ޙަޔާތުގެ މިފަދަ ބޮޑެތި ބިޔާ ރާޅުތައް އަންނާނޭ ކަމަށް ބަލައި އަބަދުވެސް ތައްޔާރުގައި ތިބޭށެވެ. ދުނިޔެއަކީ ދާއިމީ ފާލަމެއް ކަމަށް ނުބަލައި، އަބަދުވެސް އާޚިރަތަށް ވިސްނާށެވެ. އަދި ތިމާގެ ޙަޔާތުގައި ލޯބިވާއެއްވެސް މީހަކީ އަބަދުމެ ދެމިހުންނާނޭ ބައެއް ކަމުގައި ނުދެކޭށެވެ. އެހެންނޫނީ ފަހުން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވާނެއެވެ.
އަހަރެންގެ އެކުވެރިޔާގެ ސްޓޭޓަސް ބަލާލުމަށް ފަހު ބުނެލީމެވެ. ރަހުމަތްތެރިޔާއެވެ. ތިއީ ހާދަހާ ވާހަކައެކެވެ. ވަކިވެގެން ދަނީ މީހުންނެވެ. އެކުގައި އުޅުނު މިތުރުންނެވެ. ނަމަވެސް ހަނދާންތައް އަބަދުގެ އަބަދަށް ވެސް އެކުގައި ވާނެއެވެ.