ޚަބަރު ސިޔާސީ

ސިޔާސީ މަގާމުތައް 1500 އަށް މިސްރާބު ޖަހާފައިވާ ކަމަށް ތުހުމަތުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރި އަދަދު 1500 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. މާއުނގޫދޫ ގައި ވާހަކަފުޅު ދައްކަވަމުން މިދިޔަ ފަސް އަހަރު ވެރިކަންކުރެެއްވި ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުން، ތަރައްގީއަށް ފަށާފައިވާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށް މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކެމްޕޭނު ތެރޭގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު މިހާރު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.

ބަޖެޓުގެ ދަތިކަމާއި ހެދި ކަމަށް ބުނެ ފަށާފައި ހުރި ހުރިހާ މަޝްރޫއެއްގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ. ފެންނަމުންދަނީ ވެރިކަން ހޯދުމަށްޓަކައި ދެއްކި ވާހަކަތައް ތަކުރާރު ކުރަމުންދާ މަންޒަރު ކަމަށާއި މަޖިލީސް އިންތިހާބު ހޯދުމަށްޓަކައި ރައީސް މުއިއްޒު، އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އެއަށް ފަހު އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ސޯލިހު ވިދާޅުވީ ކައުންސިލުތަކާއި ރައީސް ބައްދަލުކުރައްވާއިރު ބަޖެޓުގެ ދަތިކަމުގެ ސަބަބުން މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ކަމަށް ވިދާޅުވިޔަސް ސަރުކާރުން ކުރަން ބޭނުންވާ ކަންތައް ކުރަމުންދާ ކަމަށެވެ.

ބަޖެޓު ދަތިވަނީ ހަމައެކަނި މި ފަދަ ރަށްރަށުގައި ކުރަން ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެެންދިޔުމަށް، ވަޒީފާ އިންތިހާއަށް އިތުރު އެބަކުރެވޭ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން، މިހާރު ސިޔާސީ މަގާމުތައް 1500 އާ ހިސާބަށް މިސްރާބު ޖަހައިފި. މިއީ މިއިން އެެއްވެސް ސަރުކާރަކުން ކަންކުރި ގޮތެއް ނޫން

ސޯލިހު ވިދާޅުވީ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް އެހާ މުހިއްމުވަނީ ސަރުކާރުން ކުރަމުންދާ އެފަދަ ކަންތައްތައް ހުއްޓުވައި ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށެވެ.

ސިޔާސީ މަގާމުތައް 1500 އަށް އަރާފައިވާ ކަމަށް ސޯލިހު ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ސިޔާސީ މަގާމުތައް އަދު 500 އަށް ނާރާ ކަަމަށާއި ސޔާސީ މަގާމުތައް މަދެއް ނުކުރާނެ ކަމަށާއި ސަރުކާރުން އަދިވެސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާނެ ކަމަށް ރައީސް އޮފީހުގެ އިސް ވަޒީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުން ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ކުރެވޭނީ އެކަމަށް އެކަށީގެންވާ ވަރަށް މަގާމުތަކަށް މީހުން ލައިގެންނެވެ. މަގާމުތަކަށް މީހުން އައްޔަންކުރަމުން ގެންދަނީ އެ މީހުންނަށް މުސާރަ ދިނުމަށް ޓަކައި އާމްދަނީ އިތުރުކުރާނެ މަގުތައް ހޯދައިގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!