ރައީސް ވިދާޅުވީ އެމަނިކުފާނަށް ފާޑުކިޔައިގެން ވަޒީފާއިން ވަކިކުރަން ބޭނުންނުވާ ކަމަށް
އެމަނިކުފާނާ ދިމާލަށް އެއްޗެކޭ ވިދާޅުވެގެން ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާޑުކިޔުންތައް ބަލައިގަންނަ ކަަމަށެވެ. އަދި އެކަމަށް މަރުހަބާވެސް ކިޔާ ކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑާ ދިމާލަށް އެއްވެސް މީހަކު އެއްޗެކޭ ބުނެގެން ފިޔަވަޅެއް ނާޅާނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑުއަހަން. ކްރިޓިސައިޒްކުރަންވާނެ، އެއީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރަން ވިދާޅުވާ އެއްޗެއްނަމަ މަރުހަބާ ކިޔާނަން'' ރައީސް ވިދާޅުވިއެވެ.
އެއަށް ފަހު ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ވިދާޅުވާން ޖެހުނު ސަބަބު ރައީސް ތިލަކޮށްދެއްވިއެވެ. ބެލެވޭ ގޮތުގައި ރައީސް އިޝާރާތްކުރެއްވީ ސަރުކާރުގެ އިސް ފަރާތްތަކަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ކަމަށް ބުނެ އެސްޓީއޯގެ ރީޖަނަލް ފާމަސީ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެއްގެ މަގާމު ސްޓޮކް އޮފިސަރެއްގެ މަގާމަށް ދަށްކުރި ކަމަށް ބުނެ މީޑީއާތަކުން ކޮށްފައިވާ ހަބަރަކަށް އިޝާރާތް ކުރައްވައެވެ.
ގދ. ގެ ފާމަސީތަކާ ހަވާލުވެ މަސައްކަތް ކުރަމުންދިޔަ އަހުމަދު ޝިޔާޒް ނައީމް މިޑިއާތަކަށް ބުނީ އެސްޓީއޯގެ އެޗްއާރުން އޭނާގެ މައްސަލަ ފުރަތަމަ ބަލަން ފެށީ ފެބްރުއަރީ، 29 ގައި ކަމަށެވެ. އަދި އެ ދުވަހު އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ހުރި ޕޯސްޓުތަކަކާ ގުޅޭގޮތުން އޮންލައިންކޮށް ބަޔާނެއް ނެގި ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާގެ މަގާމު ދަށްކޮށްފައިވާ ކަމަށެވެ.
''މިހެން މިދަންނަވަން ޖެހުނީ އިހަށް ދުވަހު ނޫހުން ފެނުނީ ސަރުކާރު ކުންފުންޏަކުން ފިޔަވަޅު އެޅީ ކަމަށް'' ސީދާ ކުންފުނީގެ ނަން ނުގެންނަވައި ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުވައްޒަފަށް ފިޔަވަޅު އެޅީ އެހެން މައްސަލައެއްގައި ކަމަށް ކުންފުނީގެ އެމްޑީ އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް ހާމަކޮށްދޭން އެމްޑީ ގާތު އެދިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.