އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފިއެވެ.
އެ ކުންފުނިން ލުނބޯ އަގުހެޔޮކޮށް ވިއްކަން މިފެށީ ރާއްޖޭގެ ބާޒާރުގައި ލުނބޯ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.
އެސްޓީއޯއިން ލުނބޯ ވިއްކާ އަގު ހެޔޮކޮށް ކިލޯއެއް މިހާރު ވިއްކަނީ 50 ރުފިޔާ އަށެވެ. އަދި 25 ކިލޯގެ ލުނބޯ ބަސްތާ ހޯލްސޭލްކޮށް ވިއްކަނީ 1،175 ރުފިޔާ އަށެވެ.
އެސްޓީއޯ އިން ބުނީ ލުނބޯ ގަންނަން ލިބޭނީ މާލެ ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުންނާއި މާލޭގެ ސިނާއީ ސަރަހައްދުގައި ހުންނަ އެސްޓީއޯ ސެންޓަރުން ކަމަށެވެ.
އެސްޓީއޯ އިން ވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާ އަގު ބޮޑުވެފައި ވަނިކޮށް ރާއްޖެއަށް ފިޔާ ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ. އެސްޓީއޯ އިން ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 17 ރުފިޔާ އަށެވެ.