ފުލުހުންގެ ބުރަ މަސައްކަތުން ލޭއޮހޮރުވުމާއި، ތަޅާފޮޅުން ހުއްޓުވިއްޖެ: އިމްރާން

ފާއިތުވެދިޔަ 17 މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ ބުރަ މަސައްކަތުން ރާއްޖޭގައި ހިންގަމުން ދިޔަ މާރާމާރީ އާއި ތަޅާފޮޅުންތައް ހުއްޓުވައި އަމަން އަމާންކަން ގާއިމް ކުރެވިފައިވާކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރި ފުލުހުންގެ އާ އިމާރާތް ރަސްމީކޮށް މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އިމްރާން ވިދާޅުވީ މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި އަމަންއަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމަށް ފުލުހުން ކޮށްދީފައިވާ މަސައްކަތްތަކަކީ ވަރަށް އުފަލާއެކު ބަލައިގަންނަ މަސައްކަތެއް ކަމަށެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ 17 ވަރަކަށް މަސްދުވަހުގެ ތެރޭގައި އާންމު ގޮތެއްގައި ރައްޔިތުންނަށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެ ކުރިން ލޭ އޮހޮރުވުމާއި ތަޅާފޮޅުންފަދަ ގިނަ ކަންކަން ހުއްޓުވަލެވިފައިވޭ" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ފާއިތުވެދިޔަ 16 އަހަރުގެ ތެރޭގައި ފުލުހުން ވަނީ ރާއްޖޭގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ. ފުލުހުންގެ މުއައްސަސާގެ ވަސީލަތްތަކާއި، ކުރިއެރުމަށް ޚާއްސަ އިސްކަމެއް ދީގެން މިސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން ދާކަމަށް މިނިސްޓަރ އިމްރާން ފާހަގަ ކުރެއްވިއެވެ.
ފުލުހުންގެ މުއައްސާއަކީ ރައްޔިތުންގެ މެދުގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރާ ފަރާތަށް ވާއިރު ވަކިވަކި ފުލުހުން ކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން މުޅި މުއައްސަސާއަށް އެކަމުގެ ހުތުރު ބަދުނާމު އެޅޭގޮތަށް އެއްވެސް ފުލުހެއްގެ އަމަލުތައް ނުބެހެއްޓުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.