ޚަބަރު

މިދިޔަ މަހު މީރާއިން 2.33 ބިލިއަން ރުފިޔާ ބަލައިގަނެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފެބުރުވަރީ 2024 ގައި މީރާއަށް 2.33 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

Ads by Sosun Fihaara

މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %33.7 އިތުރު އަދަދެކެވެ. އަދި، ފެބުރުވަރީގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %22.3 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2023 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ފެބުރުވަރީ 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %11.5 އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ މިއަހަރުގެ ފެބުރުވަރީގައި ބަލައިގެންފައިވުމުން މިދިޔަ އަހަރާއި އަޅާބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށްވެސް މީރާއިން ބުނެއެވެ.

ފެބުރުވަރީ 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 70.1% ނުވަތަ 1.63 ބިލިއަން ރުފިޔާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!