ކުށުގެ ބޮޑު ނެޓްވޯކެއް ހިންގަމުން އައި ޓެލެގްރާމް ޗެނެލްތަކެއް ހުއްޓުވައި ދެ މީހަކު ހައްޔަރުކޮށްފި
ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ބޭނުމުގައި ޓެލެގްރާމްގައި ހިންގަމުން އައި ހަ ޗެނަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މަސްތުވާތަކެއްޗާއި ހަށި ވިއްކުން އިސްތިހާރުކޮށް ވިއްކަމުންދާ ''ޖަޒީރާ'' ނަމަކަށް ކިޔާ ޗެނަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނީ، ޖަޒީރާ އެޑްމިން، ޖަޒިރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލެރީ، ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކު ހަބަރުގެ ނަމުގައި ހިންގަމުން އައި ޗެނަލްތަކެއްގެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ.
އަދި އެ ޗެނަލްތައް ހިންގާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި މި މަހުގެ ހަ ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ސައިބާ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއް ގައި ހަތަރު ތަނެއް ބަލައި ފާސްކޮށްގެން ކަމަށެވެ. މައްސަލަ އާއި ގުޅުންހުރި ބައެއް ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
''މި ތަކެތީގެ ފޮރެންސިކް ތަހުލީލުކޮށް ހެކި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުން'' ބަޔާނުގައި ބުންޏެވެ.
އެ މައްސަލާ ގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށި ވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ތުހުމަތު ކުރެވެއެވެ.
އަދި އެ މީހުންގެ މާލީ މުއާމަލާތައް ބަލާއިރު އެ މީހުންކުރާ މަސައްކަތާ ނުބައްދަލު، ގިނަ އަދަދެއްގެ މާލީ މުއާމަލާތް ކޮށްފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ފުރަތަމަ ފަހަރަށް ފަސް ދުވަސް އަދި މިއަދު އިތުރަށް 30 ދުވަސް ވަނީ ޖަހާފައެވެ. އެފަދަ ގާނޫނާ ހިލާފު ކަންކަމާ ދުރުވެ ބައިވެރިނުވާން ފުލުހުން އިލްތިމާސްކުރެއެވެ.