ޚަބަރު

އަސްކަރީ ޑްރޯން ތައާރަފްކުރީތީ ރައީސަށް ޝުކުރުވެރިވާން ޖެހޭ: ގާސިމް

އަލީ ސަމާޙް ، ދެން އޮންލައިން
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ރައީސް ގާސިމްއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އެއްގަމާއި، ކަނޑާއި، ވައިގެމަގުން ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، ދިފާއި ބާރެއް އުފައްދައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކުު އެކަމަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ގާސިމްގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ލިޔުއްވި ދިގު ޕޯސްޓެއްގައި، އޭނާ ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ޑްރޯންއަށް އިޝާރާތް ކުރައްވާ ވިދާޅުވީ ބޮޑު މަސްއޫލިއްޔަތު ރައީސްގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވިކަމީ ނުހަނު ތާރީހީ އަދި އެހާމެ ފަހުރުވެރި ނިންމެވުމެއްކަން ކަށަވަރު ކަމަށެވެ.

''މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ހިދުމަތެއް ކަމަށް އަޅުގަނޑު ދެކެން'' މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް، އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ތައާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެކެވެ. މިއީ ޔަގީނުންވެސް ދިވެހި ގައުމު ތާއަބަދު ފަހުރުވެރިވާނޭ ހިދުމަތެކެވެ

ގާސިމް ވިދާޅުވީ، އެކުވެރި ގައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ގައުމެއްގެ ހައިސިއްޔަތުން އަމިއްލައަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަންކަން ކަމަށެވެ.

އެހެން ކަމުން، ގައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ގައުމުގެ ދިފާއަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ގައުމާއިގެން ކުރިއަށް ދިއުމަށް ރައީސް ދައްކަވަމުން ގެންދަވާ ''ލާމަސީލު މިސާލަށް'' ގާސިމް ޝުކުރު އަދާކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!