ޔަޒީދާއި ޒަރީރާ ގުޅޭ ޝަކުވާ އެއް އޮތްނަމަ ހުށަހަޅަން ހުޅުވާލައިފި

މީރާގެ އެންމެ އިސްމަގާމު ކަމަށްވާ، ކޮމިޝަނާ އޮފް ޓެކްސްޓޭޝަންގެ މަގަމާށް އައްޔަން ކުރުމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު ނަން ފޮނުއްވާފައިވާ އެ އިދާރާގެ ކުރީގެ ވެރިޔާ ޔަޒީދު މުހައްމަދު އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާ ގުޅޭ ގޮތުން ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން އާއްމުކުރި ނޫސް ބަޔާނެއްގައި ވަނީ ޔަޒީދާއި ޒަރީރާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާ އެއް އޮތްނަމަ މި ހިނގާ މާޗު މަހުގެ 25 ގެ ކުރިން އެ އިދާރާއަށް ހުށަހަޅަން އެދިފައެވެ. އީމެއިލް މެދުވެރިކޮށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެއިލް އެޑްރެހަށްވެސް ޝަކުވާ ހުށަހެޅޭނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މީރާއަށް އައްޔަންކުރި އެ ދެ ބޭފުޅުންގެ މީރާއިން ވަކިވީ، ކަމިޝަނާ އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކަމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހޭ ގޮތަށް 2019 ގައި ގާނޫނަށް ބަދަލު ގެނައުމުންނެވެ.
ކަމިޝަނާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ނަން ފޮނުވާފައި މިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ. އަންނަ މަހުގެ 21 ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ފަތުހުﷲ ވާދަކުރައްވައެވެ.







ކޮމެންޓް