ތޮއްޔިބު ވަޒީފާއިން ވަކިކޮށްފި، އަލުން ވަޒީފާ ދޭން ރައީސް އަރިހު އެދިއްޖެ

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގައި އިސް މަގާމެއްް އަދާކުރެއްވި ތޮއްޔިބު ޝަހީމަށް މި ސަރުކާރުގެ ސްޓެލްކޯއިން ދިން ސާވިސް ސުޕަވައިޒަރުގެ މަގާމުން ވަކިކޮށްފިއެވެ.
މި ސަރުކާރުން ތޮއްޔިބަށް ސްޓެލްކޯ އިން ދިނީ މުސާރައިގެ ގޮތުގައި 9،000 އާއި 14،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މަގާމެކެވެ.
ތޮއްޔިބު ވަޒީފާއިން ވަކިކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. 'އެކްސް' އެކައުންޓުގައި ރައީސް ޑރ މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ލިޔުނު ސިޓީއެއްގައި ތޮއްޔިބު ވިދާޅުވީ ސްޓެލްކޯގެ ވަޒީފާ އަދާކުރުމަށް ނިކުތީ ލަޔާގަތާއި ގާބިލްކަން ތަންދިން އެންމެ މަތީ މިންވަރަކަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތާއި އަޒުމުގައި ކަމަށެވެ.
އަޅުގަނޑު ވަޒީފާ އަށް ނިކުތުމަށްފަހު ކުންފުނިން އަޅުގަނޑަށް ހަވާލުކުރި ކޮންމެ މަސައްކަތެއް ކުރުމަށް އަޅުގަނޑު އަޒުމް ކަނޑައެޅީމެވެ. ހަމައެއާއިއެކު ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ އިސްބޭފުޅުން ކުންފުންޏާއި އަލަށް ގުޅުނު ފަރާތްތަކާއެކު ބައްދަލު ކުރައްވާ ކުންފުނީގެ އޮންނަ އުސޫލުތަކާއި ރިވެތި އަހުލާހު ވިދާޅުވެ ދެއްވައި މަސައްކަތަށް ދެއްވަންޖެހޭ ޝައުގާއި ސަމާލުކަން ވިދާޅުވެ ދެއްވި ނަސޭހަތާއި އިރުޝާދުން ކުންފުންޏަށް ހިދުމަތް ކުރުމުގައި ދެމިހުރުމަށް އަޅުގަނޑަށް އިތުރަށް ހިތްވަރު ލިބުނެވެތޮއްޔިބު ވިދާޅުވީ 'ކުއްލިއަކަށް' ވަޒީފާ އަދާކުރަމުންދާތާ ހަތަރު މަސް ދުވަސް ފަހުން މި މަހުގެ ތިން ވަނަ ދުވަހު އެޗްއާރު ގެންގޮސްފައި މަސައްކަތާއި މެދު އެއްވެސް ވާހަކައެއް ނުދައްކާ ސްޕަވައިޒަރުންގެ އެއްވެސް ނުރަނގަޅު ނުގުތާއެއް ފާހަގަ ކުރުމެއް ނެތި، އެއްވެސް އިވެލުއޭޝަނެއް ހެއްދެވުމެއްނެތި، ވަޒަން ކުރުމެއްނެތި، ނަސޭހަތެއް ނުވަތަ އިންޒާރެއް ދިނުމެއްނެތި "ވެރިން އެންގެވިގޮތަށް" ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވަޒީފާއިން ވަކިކުރި ޗިޓް ހަވާލުކޮށް ކުންފުނީގެ އިމާރާތުން ނިކުތް އިރުވެސް ކުންފުންޏާ ދެމެދު ހެދިފައިވާ އެއްބަސްވުންވެސް ލިބިފައިނުވުމާއެކު ޗިޓްގައި ބަޔާންކޮށްފައިވާ ދެ މާއްދަށް ރެފަރެންސެއްވެސް ދޭކަށް ކުންފުންޏަށްވެސް ނޭގުނު ކަމަށެވެ. ''އިއްޒަތްތެރި ރައީސް، އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެކު ވަރަށް އާދޭހާއިއެކު އެދެނީ އަޅުގަނޑަށް ސްޓެލްކޯއިން ފާއިތުވި ޖެނުއަރީ 29 ވަނަ ދުވަހު ދެއްވި ސާވިސް ސްޕަވައިޒާ (ގްރޭޑް1) ކަމުގެ ވަަޒީފާ އަލުން އިޢާދަ ކޮށްދެއްވައި އަޅުގަނޑު ވަޒީފާއަށް ނެރެދެއްވުމަށް ދެންނެވުމެވެ'' ތޮއްޔިބު ވިދާޅުވިއެވެ.






ކޮމެންޓް