ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތައް ވެސް ލަސްނުކޮށް ގަވާއިދުން ހުށަހަޅަމުން އެބަދަން: ޝަމީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖިންސީ ގޯނާގެ މައްސަލަތައް ވެސް ލަސްނުކޮށް ގަވާއިދުން އިސްތިއުނާފަށް ހުށަހަޅަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަމީމް އެހެން ވިދާޅުވެފައި މިވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން ދޫކޮށްލުމާއި އަދި އެމީހުންނަށް މައާފު ދިނުމަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ނުވަތަ އެފަދަ މައްސަލަތަކުގައި ޝަރުއީ ކޯޓަކުން ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުމާއި އަދަބު ލުއި ކޮށްދިނުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމެއް ކަމަށް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ލިޔުއްވާފައިވެއެވެ.

"މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން. މި ދިވެހި މުޖުތަމައު އަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައު އަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމާތޯ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެކަމާއި ގުޅޭ ގޮތުން ޕީޖީ ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ ''ދެން'' އިން ސުވާލުކޮށްލުމުން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން، ބަންދުން މީހަކު ދޫކޮށްލައިގެން އެކަމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން އިސްތިއުނާފުކުރާނަމަ އިސްތިއުނާފު ކުރަން އޮތް މުއްދަތަކީ 48 ގަޑިއިރު ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ފޯމު ތައްޔާރުކޮށް، ހައިކޯޓަށް ހުށަހެޅުމަކީ މިހާރުވެސް މިއޮފީހުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް، އެއްވެސް މައްސަލައެއް، މުއްދަތަށް ކޯޓަށް ނުވެއްދިގެން ގެއްލިފައެއް ނެތް ވީމާ، ރައީސް ވިދާޅުވި ބާވަތުގެ މައްސަލަތައްވެސް ގަވާއިދުން، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި މިދަނީ ކޯޓަށް ހުށަހަޅަމުންނެވެ

ޝަމީމް ވިދާޅުވީ ގާނޫނު އޮތް ގޮތުން، ކޯޓުންވެސް 14 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު ހައިކޯޓުގެ ރަޖިސްޓްރޭޝަންގެ މަރުހަލާގައި ލަސްތަކެއްވާތީ، އެ މުއްދަތުގައި ނުނިންމޭކަން ޕީޖީ ފާހަގަކުރެއްވިއެވެ.

''ފަނޑިޔާރުންގެ އަތްޕުޅަށް މައްސަލަ ލިބުމާއެކު، ގާނޫނުގައި ބުނާ މުއްދަތުގައި ނިންމަވައެވެ. ހަމައެކަނި ގޮންޖެހުން އޮތީ ރަޖިސްޓްރޭޝަނުން ލަސްވާތީ، މިކަން، ހައިކޯޓުގެ ފަނޑިޔާރުންގެ ސަމާލުކަމަށް މި އޮފީހުން ގެނެސްފައިވާނެ'' ޝަމީމް މި ނޫހަށް ފޮނުއްވި ޓެކްސްޓް މެސެޖުގައި ވިދާޅުވިއެވެ.

ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 69 އަހަރުގެ މީހެކެވެ. އެމީހާ އަކީ އެ މައްސަލާގައި ހިމެނޭ ކުޑަ ކުއްޖާގެ ކާފައެވެ. ވޭމަންޑޫ މެޖިސްޓްރޭޓު ކޯޓުން އެމީހާ ދޫކޮށްލީ ޝަރުތުތަކަކާއެކުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!