ޚަބަރު

ޙައްޖަށް ގެންދިޔުމަށްޓަކައި ރެޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އެފައިސާ އަނބުރާ ދޭން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް، އެފައިސާ އަނބުރާ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

Ads by MWSC

އެމިނިސްޓްރީން ބުނީ 1441ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި 18 ކުންފުންޏަކުން ޕްރޮޕޯސަލް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ކޮންމެ ކުންފުންޏަކުން 10000 ރުފިޔާ ދައްކާފައިވާކަމަށެވެ.

އެފައިސާ އަނބުރާ ކުންފުނިތަކަށް ރައްދުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ޙައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް މިއަހަރު ރާއްޖެއަށް ފުރުސަތު ލިބިފައި ނުވުމުގެ ސަބަބުންނެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ އަރަބިއާއިން ދެއްވާފައިވަނީ ހަމައެކަނި އެޤައުމުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އޭގެތެރޭގައި އެޤައުމުގެ މީހުންނާއި ސައުދީގައި ދިރިއުޅޭ އެހެން ބައެއް ޤައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީ ވަނީ ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ރަޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް ޢަމަލު ކުރާނެ ގޮތްތައް އެ ކުންފުނިތަކަށް އެންގުމަށް ނިންމާފައެވެ.

ކޮންމެ އަހަރަކުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެކި ޤައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ ޙައްޖާޖީން ސައުދީއަށް ދާއިރު ރާއްޖެއިން ވެސް ދެހާހެއްހާ މީހުން ދެއެވެ. ރަސްމީ ކޯޓާގެ ތެރެއިން ސައުދީން ރާއްޖެއަށް 1000 ކޯޓާ ކޮންމެ އަހަރަކު ވެސް ދޭއިރު ބައެއްފަހަރު އެކޯޓާ އިތުރުވެސް ކޮށްދެއެވެ. މި ގޮތުން ވޭތުވެދިޔަ އަހަރުވެސް ރާއްޖެއިން 2000 މީހުން ވަނީ ހައްޖަށް ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!