މުސްތޮ ދިން ޔަގީންކަމަކީ ދާއިރާގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދޭނެކަން

ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ދިމާވެފައިވާ ފަދައިން މާފަންނު ހުޅަނގު ދާއިރާއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، މަޖިލީސް މެންބަރަކަށް އިންތިހާބުވެވަޑައިގެންނެވިނަމަ އެކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ޕީޕިއެމް/ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމް (އިމްނާ މުސްތޮ) ރޭ ވިދާޅުވެއްޖެއެވެ.
މުސްތޮގެ ކެމްޕޭނު ބައްދަލުވުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވި އެ ބައްދަލުވުމުގައި މުސްތޮ ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ރައީސް، އެ ދާއިރާއަށް ވަޑައިގެންނެވުމުންވެސް ރައްޔިތުންގެ ހުރި މައިގަނޑު ހަތަރު ކަމެއް ހިއްސާކޮށްފައިވާނެ ކަމަށެވެ.

މުސްތޮ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ރައްޔިތުންގެ އެންމެ ކަންބޮޑުވުން އޮތް މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެއަށް ފަހު އޭނާ ވަނީ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ މިސާލެއް ހިއްސާކުރައްވާފައެވެ.
އަޅުގަނޑުމެންގެ ދާއިރާގެ ބައެއް ރައްޔިތުންގެ އުޅެނީ ހަމަ ބިމުން ދެ ފޫޓް އަޑީގައި، ރައީސްވެސް ވަޑައިގެންނެވި ރައީސަށްވެސް އެނގިވަޑައިގަންނަވާނެ، ގޭގޭގެ ކޮޓަރިތަކުގައި ރައްޔިތުން އުޅެމުންދާ ހާލު. ހުރިހާ ރައްޔިތުންގެ އުފަލަކީ އަޅުގަނޑު މި ގޮނޑިއަށް ގެނެސްދީގެން ބޯހިޔާވަހިކަން ކަށަވަރުކޮށްދީ ޔަގީންކޮށްދިނުން
އެއަށް ފަހު މުސްތޮ ވަނީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ނިކުންނަ އަދި މިހާރުވެސް އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ އޭނާގެ ވާދަވެރި ކެންޑިޑޭޓް މުހައްމަދު ފަލާހު ދައްކަވަމުން ގެންދަވާ އަޑު ނޭހުމަށެވެ.
''ނުވާނެ އެކަމެއް އިތުރު ފުރުސަތެއް ނުދެވޭނެ، ފަސް އަހަރު އަޅުގަނޑުމެން ދީފިން. 10 އަހަރު އެކަމުގައި ރައްޔިތުންގެ މަޖިލީހުގައި ބައިތިއްބައިފިން. އެހެން ނަމަވެސް ބޯހިޔާވަހިކަމެއް ނުލިބުނު'' މުސްތޮ ވިދާޅުވީ މިދިޔަ ސަރުކާރު ނިމިގެން ދިޔައިރުވެސް ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ފައުދު ނުފުއްދޭ ކަމަށެވެ.
ދާއިރާގެ ރައްޔިތުންނަށް ސަރުކާރުގެ ކެންޑިޑޭޓް ދިން ޔަގީންކަމަކީ ހުންނަވާނީ ރައީސް މުއިއްޒުއާ އެކު ސާބިތުވެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށެެެވެ.

'' ރައީސް އެ ވައުދު (ބޯހިޔާވަހިކަން) ފުއްދުމަށްޓަކައި ކުރާ މަސައްކަތާ އެކު އަޅުގަނޑު އެމަނިކުފާނާ އެކީގައި ސާބިތުވެ ތިޔަ ބޭފުޅުންގެ ބޯހިޔާވަހިކަން ކަށަވަރު ކުރުމަށްޓަކައި'' މުސްތޮ ރައްޔިތުންނަށް ޔަގީންކަން ދެއްވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ އަޑުއަހައި އެ ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދޭނެ ހަމައެކަނި ރައީސަކީ، ރައީސް މުއިއްޒު ކަމަށެވެ.