ގއ. ދާންދޫއިން ކޮވިޑު-19 އަށް ފައްސިވި 2 މައިން، ވިލިނގިލި ފެސިލިޓީއަށް
ގދ. ތިނަދޫ އިން ކޮވިޑު-19 އަށް ފައްސިވެފައިވާ އުމުރުން ދުވަސްވީ މީހަކު، ވިލިނގިލި ކޮވިޑު ފެސިލިޓީއަށް ގެންދިއުމަށް، އެރަށު ބައެއް ރައްޔިތުން ހުރަސްއެޅި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، ހަމަ އެއަތޮޅުގެ ދާންދޫއިން މިބައްޔަށް ފައްސިވެފައިވާ ދެމައިން ވިލިނގިލި ފެސިލިޓީއަށް ރޭގެ ވަގުތެއްގައި ބަދަލުކޮށް ފަރުވާ ދޭން ފަށައިފިއެވެ.
ގއ. ދާންދޫއިން މިބައްޔަށް ފައްސިވެފައި ވަނީ 59 އަހަރުގެ އަންހެނަކާއި އެ އަންހެން މީހާގެ އުމުރުން 19 އަހަރުގެ ފިރިހެން ދަރިއެވެ. އަދި ދާންދޫއިން ފައްސިވެފައިވާ އުމުރުން 59 އަހަރުގެ އަންހެން މީހާ އަކީ ހައިރިސްކުގެ މީހެއް ކަމަށް ވެސް ވިލިނގިލި ހޮސްޕިޓަލުން ވަނީ ހާމަކޮށްދީފައެވެ.
ކޮވިޑު ފެސިލިޓީއާއި، ހޮސްޕިޓަލުގެ އާންމު ޚިދުމަތްދޭ އިމާރާތްތައް ވަކިކޮށްފައި ހުރިކަމުގައި ވީނަމަވެސް ކުރިންވެސް އެ ހޮސްޕިޓަލުން ލިބުނު ޚިދުމަތްތައް ލިބޭނެ ކަމަށް ވިލިނގިލި ހޮސްޕިޓަލުން ވަނީ ހާމަކޮށްދީފައެވެ.
ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެ، އެ ބަލީގެ ހައި ރިސްކު މީހުންނަށް ޚާއްޞަކޮށް ފަރުވާ ދިނުމަށެވެ. އެކަމަކު ތިނަދޫން ޕޮޒިޓިވްވެ ފަރުވާ އަށް މިދިޔަ ހޯމަ ދުވަހު ވިލިނގިއްޔަށް ފޮނުވި އުމުރުން 68 އަހަރުގެ މީހާ އެ ރަށަށް ނޭރުވުމުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ.
މިކަމާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ ގދ. ތިނަދޫގައި ކޮވިޑު ފެސިލިޓީ އެއް އެޅުމަށް ހަމަޖައްސާފައެވެ.