ޚަބަރު

އެމްއެމްޕީއާރްސީގެ ޑީއެމްޑީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރުއްސާރަކުރި ކަމުގެ ތުހުމަތުތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ފިރިހެން މުވައްޒަފަކު އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށް ބުނާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

Ads by MWSC

ޝޯޝަލް މީޑިއާގައި ދައުރުވާ މައުލޫމާތުތަކުން އެނގޭ ގޮތުން މި މަހު ކުރީކޮޅު ރާއްޖެ ޕްރޮމޯޓްކުރަން ޖަރުމަނުގެ ބާލިންއަށް ދިޔަ ޓީމުގައި ހިމެނޭ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ ބައްސާމް އާދަމް ވަނީ އަންހެން މުވައްޒަފަކަށް ޖިންސީ ފުރުއްސާރަ ކޮށްފައެވެ.

އެނގިފައިވާ ގޮތުން އެ އަންހެން މުވައްޒަފު ވަނީ އެ ދަތުރައް ފަހު ''ޓްރިޕް'' ރިޕޯޓުގައި އެ މައުލޫމާތު ހިމަނާފައެވެ. އިތުރު ތިން މުވައްޒަފަކަށް ބައްސާމު ޖިންސީ ފުރުއްސާރަކުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ''ދިޔަވަރު'' ނަމަކަށް ކިޔާ ވެބްސައިޓަކުން ރިޕޯޓްކޮށްފައިވެއެވެ.

އެ ވާހަކަތައް އެގޮތަށް ފެތުރެމުން ދަނިކޮށް އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލަ އެއް ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެެ.

މައްސަލައެއް ހުށަހަޅާފައި ނުވި ނަމަވެސް އެކަމުގެ ސައްހަކަން ކަށަވަރު ކުރުމަށް މެނޭޖްމެންޓުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ޑިސިޕްލިނަރީ ކޮމިޓީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

''ޖިންސީ ފުރުއްސާރައިގެ އަމަލުތަކަކީ މި ކުންފުނީގެ މެނޭޖްމެންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫން، މިފަދަ އަމަލެއް ކޮށްފި ކޮންމެ މުވައްޒަފަކާ މެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވަން'' ރޭ ދަންވަރު އެމްއެމްޕީއާރްސީން ނެރުނު ބަޔާނުގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!