ޚަބަރު

ދައުރުގެ ފަހު ދެ މަހުގެ މުސާރަ އުނިކޮށް ދެއްވަން ނަޝީދު އެދިވަޑައިގެންފި

އަލީ ސަމާޙް ، ދެން އޮންލައިން
ކުރީގެ ރައީސް މުހައްމަދު ނަޝީދު

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރާ މި މަހުން ފެށިގެން ދައުރުގެ ބާކިއޮތް ދުވަސްތަކަށް އުނިކޮށްދެެއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by STELCO

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް ނަޝީދު، ގާނާއަށް ވަގުތީ ގޮތުން ދިރިއުޅުއްވުން ބަދަލުކުރެއްވީ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އޭގެ ފަހުންވެސް އެމަނިކުފާނަށް މެންބަރެއްގެ ހައިސިއްޔަތުން މުސާރާއާ އިނާޔަތްތައް ހިނގައެވެ.

އެމަނިކުފާނު ގާނާގައި އަދާކުރައްވަމުން ގެންދަވާ މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލީހަށް ފޮނުއްވި ސިޓީ ނަޝީދު ވަނީ މިއަދު 'އެކްސް' ގައި ހިއްސާކުރައްވާފައެވެ.

އެ ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުން ކުރަން ޖެހޭ ކަންތައްތަކަށް ވަގުތު ނަގާ ކަމަށެވެ. ނަމަވެސް ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެހެންވެ އެމަނިކުފާނު ވަނީ މި ދައުރުގެ ބާކީ އޮތް މުއްދަތަށް ލިބޭ މުސާރަ އުނިކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުން އެދިވަޑައިގެންފައެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޮވިވަޑައިގަންނަވާ މެންބަރުން ހުވާ ކުރައްވާނީ މޭމަހުގެ 28 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!