ޚަބަރު

ސަން ސިޔާމްގެ ކުންފުނިން ހިލްޓަން އަށް 31 މިލިއަން ޑޮލަރު ދައްކައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނ. އިރުފުށި ރިސޯޓް ހިންގުމާ ގުޅޭ ގޮތުން ސަން ޓްރެވަލްސް ކުންފުންޏާއި ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާ ދެމެދު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލާގައި އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް 31 މިލިއަން ޑޮލަރު (480 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކާފައިވާ ކަމަށް ސަން ކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

ސަން ޓްރެވަލްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާބިޓްރަލް އެވޯޑާއި އިންޓްރެސްޓް ހިމެނޭ ގޮތަށް 31 މިލިއަން ޑޮލަރު އެ ކުންފުނިން ހިލްޓަނަށް ދައްކާފައިވާ ކަމަށެވެ.

އަދި ގާނޫނީ ހަރަދާއި ގޮތުގައި އެ ކުންފުނިން 5.6 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށާއި ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރަން ޖެހުނީ އިރުފުށި ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަން ކުންފުނިން ބުނެފައިވާ އާމްދަނީ ނުލިބި، ހިލްޓަންގެ ބެލުމުގެ ދަށުން ހަރަދު ބޮޑުކޮށް ރިސޯޓް ހިންގަން ޖެހުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސަން ޓްރެވަލްސް އިން ބުނިގޮތުގައި ހިލްޓަނުން ލަފާކުރި އާމްދަނީ ނުލިބުމުން ސަން ކުންފުނިން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކީ ވެސް ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާ އެކުއެވެ.

އޭގެ ސަބަބުން ކުންފުނީގެ ލޯނުތައް ރީޝެޑިއުލް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހުނުއިރު ވެސް ސަންގެ ފައިސާ އިން ހިލްޓަނުން ރިސޯޓް ހިންގަމުން ދިޔައީ އިސްރާފު ބޮޑުވާ ގޮތަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހިލްޓަން އާއި ސަން ޓްރެވަލްސްއާ ދެމެދު އިރުފުށި ބީޗު އެންޑް ސްޕާ ރިސޯޓު ހިންގުމަށް 27 ފެބްރުއަރީ 2009ގައި ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލުކުރީ 30 އޭޕްރިލް 2012ގައެވެ. އެކަމާ ގުޅިގެން ހިލްޓަން އިން ސަން ޓްރެވަލްސްއާ ދެކޮޅަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ)ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންއަށް މައްސަލަ ހުށަހެޅިއެވެ. ސަން ޓްރެވަލްސްއިން އެ ފައިސާ ނުދައްކާތީ ސިޔާމްގެ ޕާސްޕޯޓް ވެސް ކުރިން ރާއްޖޭގައި ހިފެހެއްޓިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!