Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ މަޖިލީހުގެ ކޮމިޓީން ވެސް ބަލަނީ

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ މަޖިލީހުގެ ކޮމިޓީން ވެސް ބަލަނީ

އއ. ރަސްދޫ މިސްކިތެއްގެ ފާހަނާ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ފަށައިފިއެވެ.

އެ ކޮމިޓީގެ މުގައްރިރު, ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު "ދެން"އަށް ވިދާޅުވީ އެ މައްސަލަ ބަލަން ނިންމާފައިވަނީ ކޮމިޓީން އިސް ނަގައިގެން ކަމަށާއި މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ, އެ މައްސަލަ ކޮމިޓީން ބަލަން ނިންމާފައިވަނީ ތިން ގޮތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަދި އަވަސް ކަމަކަށް ބަލާނީ, ހާދިސާގައި އަނިޔާ ލިބުނު ކުއްޖާއަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ސައިކޯސޯޝަލް ސަޕޯޓާ އެހީތެރިކަން ލިބެން ޖެހޭ މިންވަރަށް ލިބެމުން ދޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"އެ ކުއްޖާ އެ ބޭނުންވާނެ ފަރުވާއާއި ރައްކާތެރިކަމާއި ސަޕޯޓު ދައުލަތުން އިންތިޒާމް ކޮށްފައިވަނީ ކިހިނެއްތޯ ބަލާނަން." އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވެނީ 18 އަހަރު ނުފުރޭ ދެ ކުޑަކުއްޖަކަށް ކަމަކަށް ވާތީ, އެ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ލިބެން ޖެހޭ ރިހެބިލިޓޭޝަނާއި ފަރުވާއާއި އަދަބު ގާނޫނާ އެއްގޮތަށް ތަންފީޒުކުރެވޭތޯ ވެސް ބަލާނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

މި ގާނޫނު އޮންނަ ގޮތުން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓާއި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ޕީޖީގެ ދައުރު ވެސް އޮންނަ ކަން ފާހަގަކޮށް, ޖީހާން ވިދާޅުވީ އާއިލާ ހިމެނޭހެން އަދަދު ކަނޑައެޅުމުގައި އިސްލާހީ ޕްރޮގްރާމެއް ފަރުމާކުރުން ވެސް ހިމެނޭ ކަމަށެވެ.

ތިން ވަނަ ކަމަކަށް ކޮމިޓީން ބަލާނީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ނިޒާމު ބައްޓަން ކުރެވޭނެ ގޮތްތައް ކަމަށް އޭނާ ވިދާޅުވިއެވެ. ޖީހާން ވިދާޅުވީ ގާނޫނުތަކާއި ގަވައިދުތައް ހެދި ނިޒާމެއް އެކުލަވާލެވިފައިވާއިރު, އެޅިފައި ހުރި ފިޔަވަޅުތަކާއި ސިޔާސަތުތަކާއެކު ވެސް ތަންފީޒުނުކުރެވެނީ ކީއްވެތޯ ބެލުން މުހިންމު ކަމަށެވެ.

"އެ ލެވެލްއަށް ކުޑަކުދިންގެ އަމަލުތައް ދިޔައީ ކީއްވެތޯ އެއް ކުއްޖަކު އަނެއް ކުއްޖަކާ ދޭތެރޭގައި މި ދަނީ ކީއްވެގެންތޯ ދެނެގަނެ އެއަށް ފަރުވާ ކުރަން ޖެހޭތީވެ އެ އޭންގަލް އިން ވެސް ކޮމިޓީން މައްސަލަ ބަލާނެ," ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމަށް ކޮމިޓީގެ ބައްދަލުވުމެއް އީދު ފަހުން މަޖިލިސް ހުޅުވުމާއެކު ބާއްވާނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން މުވައްސަސާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދައި, ޒިންމާދާރުކުރުވުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް