ޚަބަރު

ހައްލަކީ ރިހެބިލިޓޭޝަން، އުމުރު ދަށް ކުރުމެއް ނޫން: ޝަމީމް

ރައުފާ ރަޝީދު ، ދެން އޮންލައިން
ޕީޖީ ހުސެއިން ޝަމީމް

ކުޑަކުދިން ކުށްކުރާ މައްސަލަ ހައްލުކުރުމަށް، ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ހަގުކުރުމަކީ އެކަމުގެ ހައްލެއް ނޫން ކަމަށާއި ކުށްކުރުން ހައްލުކުރުމަށް އޮތް ގޮތަކީ ރިހެބިލިޓޭޓް ކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އިއްޔެ ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައި ވަނިކޮށެވެ.

އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އަދި ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް އެއްޗެހި ކިޔާ އަޑުވެސް އިވެއެވެ.

ރޭ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަށް ދަށްކުރަން ނިންމާފައިވާ ކަމަށެވެ.

ޝަމީމް، ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށާއި ނަމަވެސް، އޭގެ މާނައަކީ އެ އުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށެވެ.

އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ކުދިންނަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންޖެހޭ ކަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ހައްލަކީ ރިހެބިލިޓޭޝަންއެވެ. ފަރުވާ ދިނުމެވެ. ރަނގަޅު މަގު ދައްކައިދިނުމެވެ. މިކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިއްބެވެ. ކުށްކުރާ ޢުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށެވެ.

ޝަމީމް ވިދާޅުވީ ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށްލައިފިނަމަ، ކުށްވެރީންގެ ޖީލެއް އުފެދި، އެ ކުދިންނަށް ރަނގަޅުވާން ބޭނުންވާނެ އެއްވެސް ސަބަބެއް ނުފެންނާނެ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުށުގެ ތެރޭގައި އެ ކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ

Ads by HDC
  1. ހަޖޫ

    އިސްލާހިއްޔާ އަލުން ވުޖޫދަށް ގެނެސްގެން އިސްލާހް ކުރެވިދާނެ..

  2. މޯޑް

    އިލާހީ ގާނޫނު ތަންފީޒް ކުރެވިގެންނޫނީ އެއްވެސްކަމެއް ރަނގަޅަކައް ނުދާނެ. އެކަންކުރެވޭނެމަގު ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރުމަށް އެދެން. މަނިކްފާނުވެސް ޑރ ޝަހީދު ވެގެން ހޮޅި ނުގޮވާ ހުރުމަށް އެދެން.