ރިޕޯޓް

ވީޑިއޯއަކުން މި ތިލަވީ ބޮޑު މައްސަލަ އެއް، މި ވާހަކަ ދެއްކުން ހުއްޓާނުލަމާ!

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކުޑަކުދިންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން/ ފޮޓޯ: ސަން

އއ.ރަސްދޫގައި މިސްކިތެއްގެ ފާހާނާއެއްގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިދިޔަ ހުކުރު ދުވަހު ދައުރުވާން ފެށިއެވެ. އެ ވީޑިއޯއިން ފެނިގެންދަނީ ދެ ކުދިން ވެގެން ކުއްޖަކަށް އަނިޔާ ކުރާ މަންޒަރެވެ. "ހެޔޮނުވާނެ މަ ދޫކޮށްބަ" މިހެން ކިޔާ ރޮއި އާދޭސްކުރަމުން ދިޔަ އެ ކުއްޖާގެ އާދޭހެއް ދެން ތިބި ކުދިން އަޑެއް ނާހައެވެ. ފައިންނާއި، ގޮށްމުށުގެ ހަމަލާތައް އެކުއްޖާއަށް ދިޔައީ އަމާޒުވަމުންނެވެ.

Ads by STELCO

އާންމުވި ވީޑިއޯގައި އެ ކުއްޖާއަށް އަނިޔާކުރާ ކުދިން ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް ހުކުރު ދުވަހުގެ ރޭ ފުލުހުން ފެށިއެވެ. ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، އެ ކުއްޖާއަށް އަނިޔާކުރީ 13 އަހަރާ 14 އަހަރުގެ ކުއްޖަކު ވެގެންނެވެ. ފުލުހުންގެ ހިދުމަތާއި އިޖްތިމާއީ ވުޒާރާގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.

މިއީ ރާއްޖޭގައި އާންމު ވަމުން އަންނަ ކަމެކެވެ. ރަސްދޫގައި ހިނގި ކަމަކުން މި މައުޟޫއު ކުރި ފަޅައިގެން ސޯޝަލް މީޑިއާގައި މި ވާހަކަތައް "ހޮޓް ޓޮޕިކް"އަކަށް ވެގެން އައީ މަދަރުސާތަކާއި، ޅަ އުމުރުފުރާގެ ކުދިންގެ ތެރޭގައި މި ކަން އޮތް ވަރު އާންމު ކަމުންނެވެ. ވަކި އިރެއް، ވަކި ޖީލެއް މިއަކު ނެތެވެ. އެންމެން ވެސް ކިޔައިދެނީ އަހަރުމެންގެ ތެރޭގައި އާންމުކޮށް އަބަދުވެސް އޮތް ބޮޑު މައްސަލައެއްގެ ވާހަކައެކެވެ.

ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަނީ. ކީއްވެ؟

ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. މިކަމުގައި އެކި މީހުން އިނގިލި ދިއްކުރަނީ އެކި ދިމާލަށެވެ.

އެއްބަޔަކަށް ގޯސްވަނީ ކުށްކުރާ ކުދިންގެ މައިންބަފައިންނެވެ. އަނެއް ބަޔަކަށް ގޯހީ ތައުލީމީ ނިޒާމު ބައްޓަން ކުރެވިފައި އޮންނަ ގޮތެވެ. ދެން ތިބޭ ބަޔަކު މި އިނގިލި ދިއްކުރަނީ ގާނޫނަށެވެ. މި މައްސަލައިގައި ވެސް ވީ އެހެންނެވެ. އެއްބަޔަކަށް ގޯސްވީ މައިންބަފައިން އެ ކުދިން ތަރުބިއްޔަތު ކުރި ގޮތެވެ.

މުނާ ބުނީ، ދަރިން ގޯސްކޮށް ތަރުބިއްޔަތު ކުރެވޭ ނަމަ އެންމެ ތުއްތު އިރު ވެސް ގްރޫޕް ހަދާފައި އެ ކުއްޖާ ބޭރަށް ގޮސް އެހެން އުޅޭނެ ކަމަށެވެ. ސޯޝަލް މީޑިއާގައި މީހުން އެ ކުއްޖާ ގޯސް މަގަކުން ދިޔައީ ނުވަތަ ގޯސް ކަމެއް ކުރީ މައިންބަފައިންގެ އިހުމާލުން ކަމަށް ބުނާ ބުނުމާއި، މުނާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ، ކުއްޖާ ތަރުބިއްޔަތު ކުރުމުގައި ކުށެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"އަހަރެންގެ އޮޕީނިއަންގަ، އަހަންނާ އަހަރެންގެ ފިރިމީހާގެ ކުށެއް އެޔަކު ނެތް. އެކަމް ކޮންމެސް ގޮތަކަށް ކުށެއް އިނީ ކަން ނޭނގެ އެ މީހުން ދެކޭ ގޮތުގައި. މައްސަލައެއް ނެތް. އެ ކިޔާ މީހުންނަކަށް ހިތް ބުރައެއް ވެސް ނޫން،" މުނާ ބުންޏެވެ.

ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، މައިންބަފައިންގެ ކުށެއް ނުފެންނަ ހިނދު އެ ކުދިންގެ މައިންބަފައިންގެ ކުށް ކަމަށް ބަލައި، އެއްޗެހި ގޮވުމަކީ އެއީ ގޯހެއް ކަމަށެވެ. އެ މައިންބަފައިންނަކީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރަން ވަރަށް މަސައްކަތްކުރާ ބަޔަކަށް ވެސް ވެދާނެ ކަމަށެވެ.

"ކަން އޮތްގޮތް ރަނގަޅަށް ބަލާނުލާ ބެލެނިވެރިންނަށް އެއްޗެހި ކިޔާކަށް ނުވާނެ. ހަމަ ވެދާނެ ބެލެނިވެރިން ހަމަ ވަރަށް މަސައްކަތް ކުރާ ކަމަށް ކަންތައްތައް ރަނގަޅު ކުރަން. ކުއްޖާ ހަމަ ބަސްނާހަފާނެ،" މިއީ ޝުނާނާ މިކަމާ ދޭތެރޭ ދެކޭ ގޮތެވެ.

ސަރުކާރަށް ގޯސްވީ ގާނޫނެވެ. އެހެންކަމުން އިސްލާހު ކުރަން ނިންމީ ގާނޫނެވެ. މިހާރު ގާނޫނު އޮތްގޮތުން ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހެނީ އުމުރުން 15 އަހަރު ފުރުމުންނެވެ. ސަރުކާރު ނިންމީ، 12 އަހަރު ފުރުމުން ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭގޮތަށް ގާނޫނަށް އިސްލާހު ގެންނާށެވެ.

މިނިސްޓަރ އިހުސާން މިކަމާއި ގުޅިގެން ވިދާޅުވީ، ކުށްކުރާ ކުޑަކުދިން މަދުކުރުމަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ޖިނާއި ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ކަނޑައަޅާފައި އޮތް އޮތުން ކަމަށެވެ.

"މިހާރު މިއޮތް ގާނޫނުގައި މި ބަޔާންކުރާ 15 އަހަރުން ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކަށް މިއިން ކުއްޖަކު ނުފެތޭ، އެހެންވެ މި ވަގުތު އަޅުގަނޑުމެންނަށް މި ކުދިން ޖިނާއި ކުށެއް ކުރި ކަމަށްވިޔަސް އެ ކުދިން އެ ކުށަށް ޒިންމާ ކުރެވޭ ގޮތަކަށް ނޫން ގާނޫނު ބައްޓަން ކުރެވިފައި މިއޮތީ، އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ މި އުމުރުފުރާ 12 އަހަރަށް ކުޑަކުރުން،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

އުމުރު ދަށްކުރުން، މިއީ ހައްލު؟

ގާނޫނަށް މި ބަދަލު ގެންނަން ނިންމުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ ގާނޫނުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ނަމަވެސް، އޭގެ މާނައަކީ އެ އުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން އެ ކުއްޖާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށެވެ. ކުށްކުރާ ކުދިން ޖަލަށް ލައިފިނަމަ، ކުށްވެރިންގެ ޖީލެއް އުފެދި، ރަނގަޅުވާން ބޭނުންވާނެ އެއްވެސް ސަބަބެއް ނުފެންނާނެ ކަމަށެވެ.

އެހެންކަމުން އަދަބު ދީގެން ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ކުދިންނަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުންދާ ގޮތަކީ އެއީ ކަމަށެވެ.

"ހައްލަކީ ރިހެބިލިޓޭޝަން. ފަރުވާ ދިނުން. ރަނގަޅު މަގު ދައްކައިދިނުން. މިކަންކުރެވޭ ފަންނީ މީހުން ރާއްޖޭގައި އެބަތިބި. ކުށްކުރާ އުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމެންޓަކަށް،" ޝަމީމްގެ ހިޔާލު ހުރީ މިހެންނެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެއީ ހައްލެއް ކަމަށް ނުދެކޭ ކަމަށެވެ. ސަރުކާރުގެ އަމާޒަކަށް ވާންޖެހޭނީ ނިޒާމް ހަރުދަނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހަމީދު ފާހަގަކުރެއްވީ މި މުޖުތަމައުގެ ތެރޭގައި ކުށްކުރާ ކުޑަކުދިން މަދުނުކުރެވޭ ސަބަބަކީ އެކުދިން ރަނގަޅަށް ދެނެނުގަނެވޭތީ ކަމަށެވެ. އެހެންކަމުން، މައްސަލަތައް ހައްލުކުރުމަށް ކުދިން ދެނެގަތުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

"އަހަރުމެންނަށް ކުޑަކުދިން ރައްކާތެރިކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް މަދުވަނީ "ހޮލިސްޓިކް އެޕްރޯޗް"އެއް، ކަންކަން ރަނގަޅު ކުރާނަމަ، މިކަމަށް ފޯކަސް ކުރަން އެބަ ޖެހޭ،" ހަމީދު ވިދާޅުވިއެވެ.

ގާނޫނެއް އޮތަސް، ތަންފީޒުކުރެވޭނެ ގޮތެއް ނެތިފަ!

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކުޑަ ކުއްޖަކު ކުށެއް ކޮށްފިނަމަ ދެވޭނެ އަދަބެއް ރާއްޖޭގެ ގާނޫނުގައި ކަނޑައެޅިފައި ނެތް ކަމަށެވެ. ކުޑަކުދިން ކުށްތަކަށް ހުށަހެޅުން މަދުކުރުމަށް ވެސް ނަސޭހަތް ދިނުން ފިޔަވައި ކުރެވިދާނެ އެހެން ކަމެއް ކަނޑައެޅިފައި ނެތީ ކަމަށެވެ. މިއީ މި މުޖުތަމައުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އިދާރާތައް ނިދާފައި ތިބީ ރާއްޖޭގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ގާނޫނެއް ފާސްކުރެވިފައި ނެތިގެނެއް ނޫނެވެ. ގާނޫނެއް ފާސްކޮށްފައި އޮތް ނަމަވެސް، އެ ގާނޫނުތައް ތަންފީޒުކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރެވިފައި ނެތިގެންނެވެ.

މިކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ ކުރީގެ ކައުންސެލް ޝުނާނާ ވިދާޅުވީ، މިހާރު ވެސް މިފަދަ މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅުތައް އެޅޭނެ ގާނޫނުތައް ހެދިފައި އެބަހުރި ކަމަށެވެ. ކުރަން ޖެހޭ ކަމަކީ އެ ގާނޫނުތައް ހަރުކަށިކޮށް ތަންފީޒުކުރުމެވެ.

ރަސްދޫގައި ހިނގި ހާދިސާ ބެލެވޭނީ ކުޑަކުއްޖަކު މާރާމާރީ ހިންގި ކަމަށް ކަމަށާއި، އެ މައްސަލައިގައި ސީޕީސީ ކްރިމިނަލް ރިކޯޑް ޕްރޮސީޖާގެ ދަށުން ދޭންޖެހޭ އަދަބުތައް ދޭންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލޯ އެންފޯސް ކުރުން ކަންނޭންގެ އަސްލު. އެބަޖެހޭ މީހުންނަށް މިސާލެއް ދައްކަން ވެސް. އެހެންނޫނީ މީހުންނަށް ހީވާނީ ހަމަ ނަސޭހަތެއް ދީފަ ފޮނުވާލީއޭ. އެއްވެސް ކަމެއް ނުކޮށް،" ޝުނާނާ ވިދާޅުވިއެވެ.

ކުޑަކުއްޖަކަށް ގަނާކޮށް އަނިޔާކުރި މައްސަލައާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ގާނޫނު މިވަގުތު ކުށް ކުރާ ކުދިންނަށް ދެވެން އޮންނަ އަދަބަކީ އެކުދިން ރިހެބިލިޓޭޓް ކުރުން ކަމަށެވެ.

އޭގެ ތެރެއިން ކުރެވިދާނެ އެއް ކަމަކީ، އެކުދިންގެ އެސެސްމެންޓެއް ހެދި، ކުއްޖާއަށް ހާއްސަކޮށް ސައިކޯސޯޝިއަލް ޕްރޮގްރާމެއް ޑިޒައިންކޮށް، މުޖުތަމައު ތެރޭގައި ކުދިން ބައިތިއްބައިގެން ފަރުވާ ދިނުމެވެ. އަދި އެފަދަ މައްސަލަތައް ދިމާވާނަމަ އެޅެން އޮތް ދެވަނަ ފިޔަވަޅަކީ ސަރުކާރުގެ މަރުކަޒަކަށް ނަގައިގެން އެ ޕްރޮގްރާމް ހިންގުން ކަމަށެވެ.

ގާނޫނުގައި މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން އަމަލު ކުރަން ފަށާފައެއް ނުވެއެވެ. އެ މަސައްކަތް ނުފެށި އޮތް ސަބަބު ސާފު ކޮށްދެއްވަމުން ބަންޑާރަ ނައިބު (އޭޖީ) އަހުމަދު އުޝާމް ވިދާޅުވީ، މިހާރު ގާނޫނު އޮތް ގޮތުން ކޯޓުގެ އަމުރުގެ ދަށުން ކުދިން ޑިޓެންޝަން ސެންޓަރަށް ނެގިދާނެ ކަމަށެވެ.

ނަމަވެސް، އެކަން އެގޮތަށް ނުކުރެވި ހަތަރު އަހަރު ފަހަނައަޅައި ދިޔައީ ގާނޫނުގައި ބަޔާންކޮށްފައިވާ ޑިޓެންޝަން ސެންޓަރު ނެތުމުން ކަމަށެވެ.

" ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ހޯރަފުށީގައި ޑިޓެންޝަން ސެންޓަރ ގާއިމްކުރެވުނީމަ ގާނޫނު ހަމަ މިހާރު އޮތްގޮތަށް އިޖުރާއަތްތައް ފުރިހަމަ ކޮށްގެން، ކޯޓު އަމުރު ހޯދައިގެން އަޅުގަނޑުމެންނަށް އެކުދިން ޑިޓެންޝަން ސެންޓަރަށް ގެންގޮސްގެން އެ ދޭނެޖެހޭ ފަރުވާތައް ގެންދެވޭ ގޮތަށް މިހާރު މިއޮތީ،" އުޝާމް ވިދާޅުވިއެވެ.

ބޭނުމީ ހެދިފައިވާ ގާނޫނު ތަންފީޒު ކުރުމެވެ. އަދި ތަންފީޒު ކުރެވޭނެ ގޮތަކަށް ގާނޫނުތައް ބައްޓަން ވެސް ކުރުމެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލި އެއް ވީޑިއޯއިން، އަހަރުމެން އެންމެންނަށް ތިލަމިކޮށްލެވުނީ މުޖުތަމައުގައި އޮތް ވަރަށް ބޮޑު މައްސަލައަކަށެވެ. ދެން ވާހަކަތައް މަޝްވަރާތަކާއި އިލްމީ ދިރާސާތަކުގެ ތެރެއަށް ގެންގޮސް މި މައްސަލަ ހައްލު ކުރަންވީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!