ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދާ ޖަލްސާ ބާއްވަން ސަރުކާރުން ފުރުސަތު ނުދޭން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިރޭ ނުވައެއް ޖަހާއިރު ގިޔާސުއްދީން ސްކޫލުގައި ބާއްވަން އޮތް ޖަލްސާގެ ވަގުތު ކުޑަތަންވެފައި އޮއްވައި ފުލުހުން ވަނީ ސްކޫލު ގޭޓު ބަންދުކޮށް ޖަލްސާ ބާއްވަން ހުރަސް އަޅާފައެވެ. ފުލުހުން ޖަލްސާއަށް ހުރަސްއެޅީ ހުއްދަ ނުނަގާ ކުރިއަށްގެންދާތީވެއެވެ. ފުލުހުން ބުނީ އެ ސްކޫލުގައި ޖަލްސާ ބާއްވަން ޕީއެންއެފަށް ދިން ހުއްދަ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެކަން ޕީއެންއެފްއަށް އޮތީ އަންގާފައި ކަމަށެވެ. އެހެންކަމުން ފަހުން ޖަލްސާ ބާއްވާފައިވައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ.
ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ، ޕާޓީ އުފެއްދުމާއި، ސުލްހަވެރިކަމާއެކު ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އެއީ، ނުފޫޒުގަދަ މަގާމުތަކުގައި ތިބޭ މީހުން ރުހުން ދިނުމުން ލިބިދޭ އިމްތިޔާޒަކަށް ވާން ނުޖެހޭ ކަމަށެވެ.
ކުރިއަރަމުން އަންނަ މުޖުތަމައުއެއްގައި ރައްޔިތުންނަށް މި ހައްގުތައް ރައްކާތެރިކަމާއެކު ލިބުމަކީ މުހިންމުކަމެއްކަން ސޯލިހު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ގިޔާސުއްދީން ސްކޫލުގެ ފަރާތުން އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމުންދާ ކަމަށެވެ.
''މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން ދަނީ އެޓެންޑް ކުރަމުން'' ޝިފާން ވިދާޅުވިއެވެ.
އެތަނަށް އެއްވި މީހުން ތުހުމަތުކުރާ ގޮތުގައި ޖަލްސާ އަށް ހުރަސްއެޅީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.
ނަމަވެސް، ސިޔާސީ އެއްވެސް ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމާ، އަދި ސިޔާސީ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް މި ސަރުކާރުން ފަހިކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް އޮފީހުން މިރޭ ދީފައިވެއެވެ.
ރައީސް އޮފީހުން ބުނީ ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިހާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށެވެ.
އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.