ރިޕޯޓް ސިޔާސީ

މޯޑު 2024: ހިންނަވަރު ބަދަލުގެ އޮއިވަރު، އާ ޖީލެއްގެ ފެށުން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހިންނަވަރު ދާއިރާގެ ޕީއެންސި ކެނޑިޑޭޓު މުހައްމަދު އަބްދުއްރަހުމާން

ޅ. ހިންނަވަރަކީ ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށެކެވެ. އެރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން ގިނަ އަދަދެއްގެ ޒުވާނުން ތައުލީމު އުނގެނިގެން ނިކުމެ ގައުމުގެ އެންމެ އިސް ސަފުގައި ހިދުމަތް ކުރަމުންދާ ރަށެކެވެ. މިދިޔަ 5 އަހަރު ގައުމުގެ ވެރިކަން ކުރެއްވީ އެރަށުގެ ރައްޔިތެކެވެ. މިހާރުވެސް ވަޒީރުންގެ ފެންވަރުގައިވެސް އެރަށަށް ނިސްބަތްވާ ބޭފުޅުންވެސް އެބަ ތިއްބެވި އެވެ. އެހެންނަމަވެސް ރަށުގެ ސިޔާސީ ހާލަތު އޮތީ ކިހިނެއްތޯ ބަލައިލުން ވަރަށް މުހިންމެވެ.

Ads by STELCO

ތަންކޮޅެއް ދުރުން މައުޟޫއަށް މި ގެނައީ ދައްކަން މިއުޅޭ ވާހަކައިގެ މުހިންމު ކަމުންނެވެ. ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމެއްގެ ތެރެއިން ރާއްޖެ ހިންގަމުން ދާއިރު ވަކިވަކި ރަށްރަށުގައި "ރަސްކަމުގެ" ނިޒާމެއް އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމަކަށް ވާތީ އެވެ.

ހިންނަވަރު މަޖިލީހުގައި ތަމްސީލު ކުރަނީ ހަމައެކަނި އެރަށް ހިމެނޭ ވަކި ދާއިރާއަކުންނެވެ. އެހެންކަމުން އެރަށުގެ ތަރައްގީއާއި ގުޅިފައި މިއޮންނަނީ ހަމައެކަނި ރަށުގެ ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށެވެ. މިދިޔަ 30 އަހަރު ދުވަހަށް ނަޒަރު ހިންގައިލާއިރު ހިންނަވަރު ދާއިރާގެ ގޮނޑި ތަމްސީލު ކުރީ އެމްޑީޕީގެ މެމްބަރެކެވެ. އޭގެ ތެރެއިން 25 އަހަރު އެ ގޮނޑީގައި އިންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އަނެއް 5 އަހަރުގެ ދައުރު އެ ފުރިހަމަ ކުރައްވަނީ އެމަނިކުފާނުގެ އާއިލީ މެމްބަރެކެވެ. މިހާ ގިނަ ދުވަހަކު އެއް ބަޔަކު ރަށުގެ ސިޔާސީ ކޮންޓްރޯލް ނަންގަވައިގެން ތިބިއިރު ރަށަށް އައީ ކޮން ތަރައްގީއެއް ހެއްޔެވެ؟

ޅ. ހިންނަވަރު

ހިންނަވަރަށް އައި ތަރައްގީއާއި އެރަށުގައި ބަދަލު ނުވެ އޮތް ސިޔާސީ ހާލަތާއި މުޅިން ނުބައްދަލެވެ. މިހެން މި ދަންނަވަނީ ވަރަށް ގިނަ ސަބަބުތައް އޮވެގެންނެވެ. މިދިޔަ ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތެރޭގައި ތަރައްގީވެގެން ގޮސްފައިވަނީ އެރަށުގެ އެންމެ ތަނެކެވެ. އެއީ ރަށުގެ ބަނދަރެވެ. ތިން ފަހަރެއްގެ މަތިން ބަނދަރު ބޮޑުކުރުމަކީ ކޮންމެ ދައުރެއްގައިވެސް އެންމެ ބޮޑު ތަރައްގީގެ މަޝްރޫ އެވެ. މިއޮތް ހުރިހާ ދުވަހު ރަށުގެ ރައްޔިތުން ތިބީ މި ތަރައްގީއަށްވެސް ފުދިގެންނެވެ.

ރަށުގައި ހޮސްޕިޓަލެއް އަޅާތާ ވީ ދުވަހެއްވެސް ނޭނގެ އެވެ. މިހާރު ސިއްހީ މަރުކަޒު ހިންގާ އިމާރާތާއި އިންވެގެން ފުރަތަމަ ތަނބުތަކެއް ޖަހަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ޞާލިހު މެމްބަރަކަށް ހުންނަވައިގެންނެވެ. އޭގެ ފަހުން ޖީހާން މަހަމޫދުގެ މެމްބަރުކަމުގައި ހިންނަވަރު ހިއްކި ފަސްގަނޑުގައި އަނެއްކާވެސް ތަނބުތަކެއް ޖަހަން ފެށި އެވެ. އަދިވެސް ފެންނާން ހުރީ ހަމަ އެ ތަނބުތަކެވެ. ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހިންނަވަރު ކުރަމުންދާ އިންތިޒާރަކަށް ނިމުމެއް ނައެވެ.

ރަށުން އަވަސް އަވަހަށް ފެން ކެނޑެ އެވެ. ރަށުގައި ފެން ބޭނުންކުރާ މިންވަރު މިދިޔަ 5 އަހަރު އޮންނާނީ ވަޒަން ކުރެވިފަ އެވެ. އާބާދީއަށް ބޭނުންވާ ފެން އުފައްދަން ކުރީގެ ސަރުކާރަށް އޮންނާނީ ހިސާބުވެސް ޖެހިފަ އެވެ. އެހެންނަމަވެސް މިހާރު 24 ގަޑިއިރުގެ ތެރޭގައި އެރަށުގައި ފެން އުފައްދާ މިންވަރަކުން އެރަށުގެ އާބާދީއަކަށް ނުފުދެ އެވެ. ރައީސް ޑރ. މުަހއްމަދު މުއިއްޒުގެ ސަރުކާރުން މިކަމަށް ވަގުތީ ހައްލެއް ވަނީ ހޯދައިދީފަ އެވެ. ރައްޔިތުން ތިބީ މި ހާލަތުވެސް ރަނގަޅުވާނެކަމުގެ އުއްމީދުގަ އެވެ. މަޑުމަޑުން އެހާލަތަށްވެސް ހޭނެނީ އެވެ. މި ދެންނެވީ ޒަރޫރީ ބޭނުންތައް ރަށުގައި ހުރި ފެންވަރެވެ.

ޅ. ހިންނަވަރު ރައްޔިތުންތަކެއް މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގައި

ދެން އޮތީ ސްކޫލުގެ ވާހަކަ އެވެ. މުޅި އެ ހިސާބުގައިވެސް ހުރި އެންމެ ފެންވަރު ރަނގަޅު ސްކޫލު ހުންނަނީ ހިންނަވަރުގަ އެވެ. ނ. އަތޮޅާއި ރ. އަތޮޅުންވެސް އެތައް ކުދިންނެއް ޅ. އަތޮޅު ތައުލީމީ މަރުކަޒަށް ތައުލީމު އުނގެނެން ހިންނަވަރަށް ދެއެވެ. އެކަމަކު މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި އެކަންވެސް ބަދަލުވެއްޖެ އެވެ. ސަރުކާރުން އިހުމާލުވުމުގެ ސަބަބުން ސްކޫލުގެ ވަސީލަތްތައް މަދުވެ ތައުލީމީ ފެންވަރު މަޑުމަޑުން ވަނީ ދަށްވާން ފަށައިފަ އެވެ.

މި ދަންނަވައިލީ ކުރު ގޮތަކަށް ހިންނަވަރަށް ވެފައިވާ އިހުމާލެވެ. އަދިވެސް އެތައް ކަމެކެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގައި ހިންނަވަރުން މެޖޯރިޓީ ދެނީ އެމްޑީޕީއަށެވެ. މެމްބަރު ހޮވަނީ ހަމަ އެޕާޓީންނެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެމްޑީޕީއަށް ހިންނަވަރަކީ މާ ހާއްސަ ރަށެއް ނޫނެވެ.

އަންނަ އާދިއްތަ ދުވަހު އަނެއްކާވެސް އެރަށް ތަމްސީލު ކުރަން މެމްބަރަކު ހޮވާނެ އެވެ. މި ދަނޑިވަޅަކީ ހިންނަވަރުގެ ސިޔާސީ އޮއިވަރު ބަދަލުކުރަން ޖެހިފައި އޮތް ދަނޑިވަޅުކަމަށް ދެކޭ ރައްޔިތުން ހިންނަވަރުގައި ގިނަ އެވެ. މިފަހަރު މި ހިތްވަރާއިއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ލިބިވަޑައިގެން ހިންނަވަރު ދާއިރާއަށް ނިކުންނަވަނީ އުއްމީދީ ކެނޑިޑޭޓެކެވެ. ޅ. ހިންނަވަރު، ނަށާގޭ، މުހައްމަދު އަބްދުއް ރަހުމާނެވެ. ރަށަށް އުފަން، ރަށުގެ ހާލަތު ރަނގަޅަށް ދަންނަ ރަށު މީހެކެވެ. ރަށުގެ ރައްޔިތުންނާއި ރައްޓެހި އެންމެންނާވެސް ގުޅޭ މޫނެކެވެ.

ފިޝަރީޒް މިނިސްޓަރު އަދި ރައީސް އޮފީހުގެ މިނިސްޓަރާއިއެކު މުހައްމަދު އަބްދުއްރަހުމާން

މުހައްމަދު އަބްދުއްރަހުމާން ނުވަތަ ރަށުގެ އެންމެން ދަންނަ ނަމުންނަމަ މޯޑުގެ ތަސައްވަރަކީ ހިންނަވަރަށް ބަދަލެއް ގެނަސްދިނުމެވެ. މޯޑު ގަބޫލުކުރާ ގޮތުގައި ހިންނަވަރަށްވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ލިބެން ޖެހެ އެވެ. ފެނުގެ ހިދުމަތް މެދު ނުކެނޑި ރައްޔިތުންނަށް ލިބެން ޖެހެ އެވެ. ކޮންމެ ފަހަރަކު ނައިފަރު އަތޮޅު ހޮސްޕިޓަލަށް ނުގޮސް ބަލި މީހާއަށް ހިންނަވަރު ހޮސްޕިޓަލުގައި ފަރުވާ ދެވެން ޖެހެ އެވެ. ރަށު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ރާއްޖޭގެ އެންމެ މޮޅު ސްކޫލުން ލިބޭ ހުރިހާ ހިދުމަތެއް ލިބެންވެސް ޖެހޭނެ އެވެ. މިއީ މޯޑުގެ ތަސައްވަރެވެ.

ރަށުގެ އިގްތިޞާދީ ހާލަތާއި ގުޅިފައިވަނީ ސަރުކާރާއި ދާއިރާގެ މެމްބަރާއި އަދި ކައުންސިލް އެކީގައި ކުރާ މަސައްކަތުންނެވެ. މޯޑު ބުނާ ގޮތުގައި ރައްޔިތުންނާއި ސަރުކާރާއި ދެމެދު އަޅައިދޭ ހެޔޮ ފާލަމަކަށް އޭނާ ވާނެ އެވެ. ރަށުގައި ތިބެގެން އިގްތިޞާދީ މަންފާ ހޯދައިދިނުމުގައި މަޖިލީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭން މޯޑު ހުރީ ތައްޔާރަށެވެ. މިކަން ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރަކަށެވެ.

މޯޑު ކެމްޕެއިން ހަރަކާތެއްގެ ތެރެއިން

ދެން އޮތީ ސިޔާސީ ވާހަކަ އެވެ. މުޅިން އަލަށް ދާއިރާގެ މެމްބަރުކަމަށް ވާދަކުރައްވާ މޯޑު މިއަދުވެސް ނިކުންނަން މި ޖެހެނީ މީގެ ތިރީސް އަހަރު ކުރިން އެދާއިރާއަށް ނިކުތް އެމްޑީޕީ ކެނޑިޑޭޓާ ދެކޮޅަށެވެ. ޖީހާނަކީ އެދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ރައީސް ޞާލިހުގެ އާއިލީ ބޭފުޅެކެވެ. 2019 ވަނަ އަހަރު ޖީހާނު ހޮވިވަޑައިގެންނެވީ އޭނާއަށް އޮތް ތާއީދަކުން ނޫނެވެ. އެއީ ސީދާ ރައީސް ޞާލިހުގެ ނުފޫޒުން ހޯދައިދިން ކާމިޔާބީ އެކެވެ. 30 އަހަރު ދުވަހު ރަށުގެ މެމްބަރުކަން ކުރަމުން ދިޔައިރު ރައީސް ޞާލިހުގެ އާއިލާއަށް އެރަށު ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިފައިވެސް ހުންނާނެ އެވެ. މިއަދުވެސް ރަށުތެރެއިން އިވެނީ އެއަޑުތަކެވެ. ތަންކޮޅެއް ތިލަކޮށް ދަންނަވާނަމަ "ކަލަ" ގޮވުމުގެ އަޑުތައް މުޅި ރަށުގައި ގުގުމަނީ އެވެ. ރަށުގެ ރައްޔިތުން ތިބީ ރައީސް ޞާލިހުގެ އާއިލާއަށް ބިރުންނެވެ. އިރެއްގައި ފޯރުކޮށްދިން އެހީތެރިކަމުގެ އަތުގައި ދަތް އެޅިދާނެކަމުގެ އިހުސާސްގައި ލަދުންނެވެ. މިއީ ކުރިއެރުމެއް ނުލިބި އޮތް ހިންނަވަރުގައި ބަދަލުކުރަން ޖެހިފައި އޮތް އެންމެ ބޮޑު ސިޔާސީ ހަގީގަތެވެ.

ކަން މިހެން އޮތް އިރު، މިއަދަކީ ސިޔާސީ އާ ޖީލެއް ރަށަށް އުފަން ކުރަން ޖެހިފައި އޮތް ދުވަހެވެ. މިއީ ބަދަލުގެ އޮއިވަރަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެވެ. ރަށުގެ ޒުވާނުން ބާރުވެރި ކުރުވައި ރަށުގައި އޮތް ޒަމާނީ އާއިލީ "ރަސްކަން" ނެތިކޮށްލަންވީ ދުވަހެވެ. ތޮށިގަނޑު ފަޅާލާފައި ހިންނަވަރުގެ ހުރިހާ ރައްޔިތުން އެކީގައި ނިކުންނަންވީ އަންނަ އާދިއްތަ ދުވަހުގެ އިންތިހާބުގައި ދޭ ވޯޓުގެ ނަތީޖާއާ އެކުއެވެ. މިއީ މިކަން ކުރުމަށް ލިބޭނެ އެންމެ މޮޅު ފުރުސަތެވެ. އަދި ހާއްސަކޮށް އިތުބާރު ހިފޭ ޒުވާނަކަށް ރަށުގެ ތަރައްގީގެ ދަންމަރު ހަވާލު ކުރަންވީ ވަގުތު އައިސް މިއޮތީ ޖެހިފަ އެވެ. ހިންނަވަރުގައި ފެށިގެން މިދަނީ ބަދަލުގެ އޮއިވަރެެވެ. އާ ޖީލެއްގެ ފެށުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!