މަޝްއަރު ގްރޫޕޫގެ މައްސަލަ ފުލުހަށް ހުށަހަޅަނީ
ހައްޖާ އުމުރާގެ އަޅުކަމަށް މީހުން ގެންދިޔުމަށް ދިން ހުއްދަ ބާތިލްކުރުމުން، ޓްރެވެލް އެޖެންސީއަކަށް ނަން ބަދަލުކޮށްގެން ހުސްވި ރަމަޝާން މަހު މީހުން އުމުރާއަށް ގެންދިޔަ މަޝްއަރުގެ ގްރޫޕުގެ މައްސަލަ ފުލުހަށް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާ ހިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ޕޮލިހަށް ހުށަހަޅާނެ ކަމަށެވެ.
އެ މީހުން ފޮނުވަން ފްލައިޓް ޗާޓަރު ކުރީ އިނާ މޯލްޑިވްސްގެ ދަށުން ހިންގާ ''އޭސް ޓްރެވެލް'' އާއި ''އޭސް އޭވިއޭޝަން'' އިންނެވެ. ފްލައިޓް ޗާޓަރުކުރީ ސްރީލަންކަން އެއާލައިން އާއި ގަތަރު އެއާލައިންގެ އިތުރުން އެމިރޭޓްސް އެއާލައިނުންނެވެ. އެ މީހުންގެ ހަވާލުގައި 50 މީހަކު އުމުރާގެ އަޅުކަމަށް ދިޔައެވެ. ނަމަވެސް އެ ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ އުމްރާވެރިން ފުރަން އިއްޔެ އޮތް ނަމަވެސް އެ މީހުންނަށް ނުފުރި ވަނީ ތާށިވެފައެވެ. ޓްރެވަލް އެޖެންސީއަށް ފައިސާ ދައްކަން އެ ގްރޫޕުން ދިން ޗެކްތަކެއް ވަނީ ބައުންސުުވެފައެވެ.
މިދޔަ އަހަރުގެ ރޯދަ މަހު، އެ ގްރޫޕުގެ ހަވާލުގައި 207 މީހަކު އުމްރާއަށް ދިޔައިރު އެމީހުން ގެންދަން ފްލައިޓް ޗާޓަރުކުރި ދިވެހި ކުންފުންޏަށް ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވީ ބައުންސެވެ. އެއީ އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރެވެ. ހަމަ އެ ދަނޑިވަޅުގައި ސައުދީ އެއާލައިންސްގެ ފްލައިޓެއް ގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަ ވެސް އުޅޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 90 ހާސް ޑޮލަރެވެ.
ފައިސާގެ މައްސަލަތައް ބޮޑުވެގެން ގޮސް އެ ޖަމާއަތަށް ދޫކުރި ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލު ކުރިއެވެ. އެހެންވެ މިހާރު ހިންގަމުން އަންނަނީ ޓްރެވެލް އެޖެންސީގެ ނަމުގެ ދަށުންނެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ދައްކާ ގޮތުން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ތިބެނީ އަލީ ފާރީޝްއާ މޫސާ ޔާމީނެވެ. ގަަތަފް ސެންޓް މޯލްޑިވްސް، ހިޖާމާ ފިޒިއޯ ސެންޓުގެ އިތުރުން ހަޝިހެޔޮ ކްލިނިކަކީ އެތަނުގެ ދަށުން ހިންގަމުން އަންނަ ތަންތަނެވެ.