ޚަބަރު

ރައީސް އޮފީހުގެ ޕްރެސްއަށް ފޯނު ނުވެއްދުނު ވާހަކަ ދޮގުކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން ދިޔަ ނޫސްވެރީންނަށް ފޯނު ހިފައިގެން އެ އޮފީހަށް ނުވަދެވުނު ކަމަށް ބުނާ ވާހަކަތައް އެ އޮފީހުން ދޮގުކޮށްފިއެވެ.

Ads by MWSC

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ފޯނު ވައްދަން ދެކޮޅު ހެދި ކަމަށް ބުނެ ބައެއް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ ޖަމިއްޔާ, އެމްޖޭއޭއިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ, ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީންވެސް ބައިވެރިވީ ފޯނާ އެކުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ ޢާއްމު އުޞޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރުން ކަމަށެވެ.

ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށްދާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސައިދީފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫންކަމުގައިވެސް ދަންނަވަމެވެ." ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ, ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!