ޚަބަރު އިޖުތިމާޢީ

މަޖިލިސް އިންތިޚާބާއި ގުޅިގެން ޖަހާފައި ހުރި ކެމްޕޭން ކެންވަސްތައް ނަގަން އެދިއްޖެ

ފައިނާ ފާއިޒް ، ދެން އޮންލައިން
އެޗްޑީސީ
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)

މަޖިލިސް އިންތިޚާބާއި ގުޅިގެން ޖަހާފައި ހުރި ކެމްޕޭން ކެންވަސްތައް ނަގަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އެދިއްޖެއެވެ.

Ads by MWSC

އެޗްޑީސީއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ހުރިހައި ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެގެ ކެންޑިޑޭޓުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖަހާފައިކަމަށެވެ.

އާއްމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިކަމުގައި ވިޔަސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައިއެވެ.

އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް 1 ހަފްތާ ތެރޭގައި ނެގުމަށް އެޗްޑީސީއިން ވަނީ އެދިފައިއެވެ.

މިފަދަ ކަންކަމުގައި އެ  ކޯޕަރޭޝަންގެ އެދުމާ އެއްގޮތަށް ހުރިހައި ފަރާތްތަކުން ވެސް ދެއްވާ އެއްބާރުލުން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައިއެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ގަވާޢިދުގެ 19 ވަނަ މާއްދާގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ބެހެއްޓި ތަންތަން އެ ތަކެތި ނެގުމަކީ ކެންޑިޑޭޓުންނަށް ލާޒިމް ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!