ޚަބަރު

މީޑިއާ ވިލެޖް ހަދަން ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް މުއިއްޒު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ''މީޑިއާ ވިލެޖް'' ހަދަން ހުޅުމާލެއިން ބިމެއް ހަމަޖައްސައިފިއެވެ.

Ads by Hajj Corporation

އެކަން ހާމަކުރެއްވި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި އިންޓަވިއުއެއްގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ.

ނައިބް ރައީސް ވިދާޅުވީ، ދައުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިހުސާސްވެވަޑައިގެން، ރައީސްގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވި ކަމަށެވެ.

އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކަމުގައި ވިދާޅުވިއެވެ.

އެހެންވެ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މީޑިއާތަކުން ބޭނުންވާ ގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރޭ ދެއްވި އިންޓަވިއުގައި، ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ ކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް މުއިއްޒު، އިންތިގާލީ މަރުހަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއް ކަމަށެވެ.

އަދި އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް މަސައްކަތްޕުޅު ފެއްޓެވި ކަމުގައި ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!