ޚަބަރު އިޖުތިމާޢީ

މާދެލީގައި އަޅަން ނިންމާފައިވާ މަސް ފެކްޓްރީ ނިލަންދުއަށް ބަދަލުކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ނިލަންދޫގައި މަސްފެކްޓަރީ އަޅަން ބޭނުންވާ ބިން ހަމަޖައްސަނީ 

ދ. މާދެލީގައި އެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި މަސް ފެކްޓްރީ ފ. ނިލަންދުއަށް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ނިލަންދޫ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މާދެލިއަކީ މަސް ކިރުވައި އަދި މަސް ބަންދު ކުރާ ކާރުހާނާއަކަށް ބަދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެކަމަކު އެ ނިންމުން ބަދަލުކޮށްފައިވާކަން ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

''މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ އެރަށުގައި އެޅުމަށް ނިންމެވުމާއި ގުޅިގެން, މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއާ ޓީމެއް ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފި'' ފިޝަރީޒް މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެ ފެކްޓަރީ ނިލަންދޫއަށް ބަދަލުކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެކްޓްރީތައް އެޅުމަށް ފިޝަރީސް މިނިސްޓްރީއާ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ދެމެދު މިދިޔަ އޭޕްރިލް މަހު ވަނީ ސޮއިކޮށްފައިއެވެ.

ރާއްޖޭގައި މަސް ޕްރޮސެސް ކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ އެއްބަސްވުމުގެ ދަށުން ޅ. ފެލިވަރާއި ދ. މާދެލި އަދި ގދ. ފިޔޯރީގައި މަސް ބަންދުކުރާ ފެކްޓްރީތައް ގާއިމުކުރަން ނިންމާފައިއެވެ.

މި ފެކްޓަރިތައް ގާއިމު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެއިން އެކްސްޕޯޓުކުރާ ރޯމަހުގެ އަދަދު އިތުރުކުރުމެވެ.

ގިނަ އަދަދަކަށް ރޯމަސް އެކްސްޕޯޓް ކުރަން ޖެހެނީ ސަރުކާރު ހިއްސާވާ މިފްކޯގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނެތުމުން ކަމަށާއި، ޑޮލަރުގެ ގޮތުގައި އެހާ ބޮޑު އަދަދެއް ރާއްޖެއަށް ނުލިބޭތީ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައިއެވެ.

ނަމަވެސް މި ފެކްޓަރީތައް ގާއިމު ކުރެވުމުން މިހާރު ރޯމަސް އެކްސްޕޯޓުކޮށްގެން ރާއްޖެއަށް ލިބޭ 91 މިލިއަން ޑޮލަރު 180 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މިނިސްޓަރު އޭރު ވަނީ ވިދާޅުވެފަައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!