ޚަބަރު އިޖުތިމާޢީ

އައްޑޫގައި ޑެންގީ ފެތުރެނީ، ދެ މަސް ތެރޭގައި 22 ކޭސް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ވިއްސާރަ މޫސުމާއި ދިމާކޮށް އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރެން ފަށައި ދެމަސް ތެރޭގައި އެ ބަލީގެ 22 ކޭސް ފެނިއްޖެ އެވެ.

Ads by MWSC

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާއި ދިމާކޮށް އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރޭކަމަށެވެ. އެހެންނަމަވެސް ނިމިދިޔަ އަހަރާއި ބަލައި މިއަހަރު މި ބަލީގެ ކޭސްތައް އިތުރުވެފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހު 16 ކޭސް އަދި މިމަހުގެ މިހާތަނަށް 6 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހޮސްޕިޓަލުން ބުންޏެވެ. ބައެއް ބަލި މީހުންނަށް ހޮސްޕިޓަލުގައިވެސް ފަރުވާ ދީފައިވާކަމަށް ބުންޏެވެ.

ޑެންގީގެ އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހިތަދޫއިންނެވެ. މީގެ އިތުރުން ފޭދޫއާއި މީދޫއިންވެސް މި ބަލީގެ ކޭސްތައް ވަނީ ރިޕޯޓުކޮށްފަ އެވެ.

އޭއީއެޗްއިން އިއްޔެ ވަނީ ޑެންގީއިން ސަމާލުވުމަށް އިލްތިމާސެއްވެސް ނެރެފަ އެވެ. އެގޮތުން މަދިރި ނައްތާލާ މަދިރިން ސަލާމަތްވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ކުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކޮށްފައި ވެއެވެ.

ޑެންގީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ހުން އައުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުމުގެ އިތުރުން ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުންވެސް ހިމެނެ އެވެ. މި އަލާމާތްތައް އާންމުކޮށް ފެންނަނީ މަދިރި ހަފާތާ 4 ދުވަހާއި 10 ދުވަހާއި ދޭތެރޭގެ މުއްދަތެއްގަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދިރިން ޖެހޭ ބަލިތައް ދަނީ ފެތުރެމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަފުތާއެއް ތެރޭ ޗިކުންގުންޔާގެ 117 ކޭސް އަދި ޑެންގީގެ 40 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!