ކަނޑުމަތީ ޓެރަރިޒަމް ހުއްޓުވަން ފުލުހުންނަށް ތަމްރީނު ދީފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ އެ ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫއެންއޯޑީސީ ގުޅިގެން. "ޓްރެއިނިން އޮން ސްޓެންތެން ކެޕޭބިލިޓީސް ޓު ޑިސްޓްރަޕްޓް މެރިޓައިމް ކްރައިމްސް އޭޒް ރިލޭޓެޑް ޓު ޓެރަރިސްޓް ތްރެޓްސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިސްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިބްރާހީމް އަދުނާން އަނީސް ވަނީ އެފަދަ ކޯހެއްގެ މުހިންމު ކަމާއި، ކޯހުގެ ބައިވެރިންނަށް މި ކޯހުން ލިބުނު އިލްމާއި ހުނަރުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އަދި ކޯހުގައި ދަސްވިކަންކަން އަމަލީ މައިދާނުގައި ބޭނުން ހިފުމަށް ނަސޭހަތްތެރިވެފައެވެ.
ފުލުހުން ބުނީ އެ ރަސްމިއްޔާތުގައި، މެރިން ޕޮލިސްގެ ޑިޕާޓްމަންޓުތަކުގެ އިސް އޮފިސަރުންނާއި ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް އެންރީކޯ ބޮނިންސޭނާ އަދި ކޯހުގެ މުދައްރިބު ކެނެތް އަލްފެރޑޯ ޕެނިންގޓަން ބައިވެރިވި ކަމަށެވެ
މި މަހު 13 އިން 15 އަށް ދޫނިދޫގައި ކުރިއަށް ގެންދިޔަ އެ ތަމްރީނު ޕްރޮގްރާމުގައި، ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ދެނެގަތުމާ އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭ ސަރަހައްދަށް ވަދެ ނުކުތުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށް ތަމްރީނު ދީފައިވެއެވެ.
އަދި އެފަދަ ކުށްތައް ތަހުގީގު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ވެސް މިޕްރޮގްރާމުގައި ކިޔަވައިދީފައިވެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުން 22 މުވައްޒަފުން އެ ޕްރޮގްރާމުގައި ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.