ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އިދާރާތަކުން މަސައްކަތް ނުކުރާތީވެ އޭސީސީން ފިޔަވަޅު އަޅަނީ
ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދަން ސަރުކާރުގެ އިދާރާތަކުން މަސައްކަތް ނުކުރަތީވެ ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2022 ވަނަ އަހަރު އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ 50,370,512.75 ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެ ކޮމިޝަނުގައި ނޫންކަމަށް އޭސީސީން ބުންޏެވެ.
ނަމަވެސް، ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ އެ ފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައި، އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް ކޮމިޝަނުން އަންގަމުން ގެންދެއެވެ.
މިދިޔަ އަހަރު އޭސީސީން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވެއެވެ.
އެގޮތުން ފާހަގަކުރެވޭ ބައެއް މައްސަލަތަކަށް ބަލާއިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް 40,475,200.00ރ ހޯދުމަށް އަންގާފައިވާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް (އެމްޓީސީސީ) 8,481,000.00ރ ހޯދުމަށް އަންގާފައިވެއެވެ.
އަދި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00ރ ހޯދުމަށްވެސް އަންގާފައިވެއެވެ. މީގެ އިތުރުންވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް، މިދިޔަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓާ ކުރުމަށް 2022 ވަނަ އަހަރު އެކަމަށް ހާއްސަ ނިޒާމެއް ކޮމިޝަނުގައި ގާއިމްކޮށްފައިވެއެވެ.
އެ ނިޒާމުގެ ތެރެއިން އިދާރާތަކުން އަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އޭސީސީން ބުންޏެވެ.