މަޑިފުއްޓަށް ޑްރަގު އެތެރެކުރި މީހަކު 27 އަހަރަށް ޖަލަށް

ތ. މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 27 އަހަރަށް ޖަލަށްލާން އެ ރަށު ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލާގައި ކޯޓުން ހުކުމް ކޮށްފައިވަނީ ތ.މަޑިފުށި / ދޮންވެލި، ހުސައިން ޝަރޫން (29އ) އަށެވެ.
މަޑިފުށި ކޯޓުން ޝަރޫން ޖަލަށްލާން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނދަރުމަތިން ހުއްޓުވައި ބަލާފާސްކޮށް އަތުން މަސްތުވާތަކެތި ފެނުނު މައްސަލާގައެވެ.
ޝަރޫންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށް ލުމަށް މަޑިފުށި ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.