ޚަބަރު

އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ސިޑްސްގެ ގްލޯބަލް ބިޒްނަސް ފޯރަމްގައި ރައީސް ތަގުރީރުދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް، އެހެން ވިދާޅުވީ އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނުވަނީ މުހިންމު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި  އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު މުޅި ދުނިޔޭގައިވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަކުރެއްވި ދެވަނަކަމަކީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދިނުމެވެ. އަދި އުމްރާނީ ތަރައްގީއިން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށްވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާސިލްވުމަށް، ބަދަހިކަމާއެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭކަންވެސް ފާހަގަކުރެއްވި އެވެ.

ހާއްސކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކަހަލަ، ޖިއޮގްރަފީގޮތުން ދުރުމިނުގައި ރަށްތައް އުފެދިފައި ހުރި ގައުމު ތަކަށް މިކަން ވަރަށް މުހިންމު ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެންމެ ފަހު ކަމަކަށް ރައީސް ވަނީ ދެ ފަރާތުގެ މެދުގައި ގުޅުން ގާއިމުކޮށް ތަޖުރިބާ ހިއްސާކުރެވޭނެ މަގުފަހި ކޮށްދިނުމުގެ މުހިއްމުކަމަށް އަލިއަޅުވައިލައްވާފަ އެވެ. އެއްވެސް ބައެއްގެ އުޖާލާ އަދި އުންމީދީ މުސްތަގުބަލަށް އެޅޭ ހުރަހަކަށް، މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަށް، ބޭންކުތަކަށާއި ބައިނަލްއަގްވާމީ އިދާރާތަކަށާއި އެހެނިހެން މާލީ އިދާރާތަކަށް ރައީސް ގޮވާލެއްވި އެވެ.

އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، އެންޓީގާ އެންޑް ބާބިޔުޑާގެ އެޖެންޑާ ހާސިލްކުރެވޭނީ، ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތް ކޮށް، އެންމެން ޝާމިލުވާގޮތަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް މިކުރާ ވިލުންތެރި މަސައްކަތުގައިވެސް އަމިއްލަ ވިޔަފާރަވެރިން ކުރިއަށް ނެރެގެންކަން ފާހަކުރައްވަމުންނެވެ.

ރައީސް މުއިއްޒު ތަގްރީރުކުރެއްވި އެ ރަސްމިއްޔާތަކީ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޯއެޗްއާރްއެލްއެލްއެސް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ads by HDC
  1. މޫސާ

    ލޯން އަކީ ބެންކަށް ފާއިދާ ހޯދަން ކުރާ ކަމެއް