ޚަބަރު ސިޔާސީ

ޕީއެންއެފްގެ އޮފީސް ޔާމީންގެ ގެކޮޅަށް ބަދަލުކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ކުރީގެ ރައީސް، ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި/ ފޮޓޯ: އަވަސް

ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އޮފީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by STELCO

ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އޮފީސް ހިންގަމުން އަންނަނީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީ އޮފީސް ވެސް ހިންގަމުން ދިޔަ ހ. ހުރަފާގަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި ޔާމީންއާ ރައީސް ޑރ މުހައްމަދު މުއިއްޒުއާ ދެމެދު ޖެހުނު މައްސަލާގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ވަނީ ވަކިން އޮފީހެއް ހުޅުވާފަ އެވެ. އެ އޮފީސް ހުންނަނީ ހ. ސީޓްރެކްގެ ހަތްވަނަ ފަންގިފިލާގަ އެވެ.

ޕީއެންއެފްގެ ހަރަކާތްތައް މަޑުޖެހިފައި އޮތް ސަބަބު ހޯދާލަން "ދެން" އިން ސުވާލުކުރުމުން އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ޕާޓީގެ މަސައްކަތްތައް މަޑު ޖެހިފައި އޮތީ އޮފީސް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީވެ ކަމަށެވެ. އޮފީސް ބަދަލުކުރަނީ އެ އޮފީހާ އިންވެގެން ހުންނަ ޔާމީންގެ ގެކޮޅު ދޫވެހީގެ ފުރަތަމަ ފަންގިފިލާ އަށެވެ.

މަލީހު ވިދާޅުވީ އޮފީސް ބަދަލުކުރަނީ ފެންލީކުވުމުގެ މައްސަލަތައް ދިމާވާތީވެ ކަމަށާއި އާ އޮފީހާއެކު ޖަލްސާތައްވެސް ބާއްވަން ފަށާނެ ކަމަށެވެ.

"ދެ ދުވަހެއް ތެރޭ އޮފީސް ބަދަލުކޮށް ޖަލްސާތައް'' މިދިޔަ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރުކަންވެސް ކުރެއްވި މަލީހު ވިދާޅުވި އެވެ.

ޕީއެންއެެފް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

ޕީއެންއެފްގެ ވަގުތީ ރައީސް އަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއެވެ. އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަން ކޮށްފަ އެވެ.

އެ ޕާޓީން ނިމިދިޔަ މަޖިލީސް އިންތިހާބުގައި ވެސް ވާދަކުރި އެވެ. ނަމަވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!