އުންމީދަކީ އާ މަޖިލީހުން ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުން: ސޯލިހު

މިއަދު ހުވާ ކުރެވިގެން ދިޔަ 20 ވަނަ ދައުރުގެ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ މަޖިލީހަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އާ މަޖިލިސް ހުވާކުރުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ, ހުރިހާ މެންބަރުންނަށް ވެސް މުބާރަކްބާދީއާއި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.
އެމްޑީޕީގެ އެޑްވައިޒަރުކަން ކުރައްވާ ސޯލިހު ވިދާޅުވީ, ރައްޔިތުން މެންބަރުންނާ ހަވާލުކުރެއްވި ޒިންމާ އެންމެ ފުރިހަމައަށް އަދާކުރައްވައި ޑިމޮކްރެސީގެ އުސޫލުތަކުން ކަންކަން ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ,
"ތިޔަ އިއްޒަތްތެރި މެންބަރުންނަށް ރައްޔިތުން ހަވާލުކުރެއްވި މުހިއްމު ވާޖިބް އެންމެ ފުރިހަމައަށް އަދާކުރައްވައި ގާނޫނު އަސާސީއާއި ޑިމޮކްރަސީގެ ރިވެތި އުސޫލްތަކުގެ މަތީގައި ދެމިތިއްބަވައި ގައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި އުއްމީދު ކުރަން," ސޯލިހު ވިދާޅުވިއެވެ.
މި މަޖިލިހުގައި ސުޕަމެޖޯރިޓީ ހޯދާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއިންނެވެ. ޕީއެންސީގެ 76 މެމްބަރުން މިފަހަރު މަޖިލީހުގައި ތިއްބަވާނެ އެވެ. އެއީ އެ ޕާޓީގެ ޓިކެޓުގައި ހޮވުނު 66 މެމްބަރުންނާ އަލަށް އެޕާޓީއާ ގުޅުނު 10 މެމްބަރުން ހިމެނޭހެންނެވެ.
ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެމްބަރުން، އެމްޑީއޭގެ ދެ މެމްބަރުން އަދި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ ކޮންމެ ޕާޓީއަކުން އަދި އަމިއްލަ ގޮތުން މެންބަރެކެވެ.






ކޮމެންޓް