ޚަބަރު

ކުދި ގައުމުތަކަށް ފަހިވާނެ ގޮތަށް ދުނިޔޭގެ މާލީ ނިޒާމު އިސްލާހު ކުރަން ރައީސް ގޮވާލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުއިއްޒު އަދި ފޮރިން މިނިސްޓަރު، ސިޑްސް ކޮންފެރެންސްގެ ރާއްޖޭގެ މޭޒުގެ އެންެމެ ކުރީގައި - ފޮޓޯ: ރައީސް އޮފީސް

ކުދި ޖަޒީރާ ގައުމުތަކަށް ފަހިވާނެ ގޮތަށް ބައިނަލް އަގުވާމީ މާލީ ނިޒާމުގެ އޮނިގަނޑު އިސްލާހު ކުރުމަށް، އދ. ގެ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފެރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

Ads by Hajj Corporation

އެންޓިގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި ކުރިއަށްދާ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ގެ ހަތަރުވަނަ ކޮންފެރެންސްގެ މިރޭގެ ސެޝަނުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހަށް ބަލާއިރު ކުދި ޖަޒީރާ ގައުމުތަކަށް ފައިނޭންސް ފޯރުކޮށްދޭ މަސްދަރުތައް ލިބުމުގެ ރޭޓް ހުރީ ދަށްވަމުންދާ ދިޔުމުގެ ދުވެއްޔެއްގައި ކަމަށެވެ.

މިހެންވީއިރު މީގެ 10 އަހަރު ކުރިން ބޭއްވި ކޮންފެރެންސްގައި ދުނިޔޭގެ މާލީ އިދާރާތަކުން ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެމުން ގިނަ ވައުދުތަކެއް ވެފައިވާ ކަން ވެސް ބައިނަލް އަގުވާމީ މުޖުތަމައަށް އެމަނިކުފާނު ހަނދުމަ ކޮށްދެއްވި އެވެ.

އދ. ގެ 37 މެންބަރު ގައުމަކުން ބައިވެރިވާ އެ ކޮންފެރެންސްގައި އަނެއްކާ ވެސް އިތުރު މަސައްކަތް ކުރަން މި އޮތީ މަޝްވަރާ ކުރަން ޖެހިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. - މި ކޮންފެރެންސަކީ ކޮންމެ 10 އަހަރަކުން ބާއްވާ ކޮންފެރެންސެކެވެ.

"ތަރައްގީގެ ދެން އޮތް ހަރުފަތަށް އަރަން، އަދި އދ. އިން ކަނޑަައަޅައި ދުނިޔެއިން ބަލައިގެންފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޓަކައި، ކުދި ޖަޒީރާ ގައުމުތަކަށް ބޭނުން ވަނީ ލުއި ޝަރުތުތަކާ އެކު، އާދަޔާ ހިލާފު ފެންވަރެއްގެ ފައިނޭންސިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ދެން އިޝާރާތް ކުރެއްވީ ދުނިޔޭގެ މާލީ ނިޒާމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ މިންގަނޑަށެވެ. ރާއްޖެ ވެސް ހިމެނޭހެން ވަރަށް ގިނަ ކުދި ޖަޒީރާ ގައުމުތަކުން ތަރައްގީ ނުވާ ގައުމުތަކުގެ ލިސްޓުން ތަރައްގީ ވަމުން އަންނަ ނުވަތަ ކޮންމެ ވެސް ވަރަކަށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމުން، މާލީ އެހީތެރިކަން ހޯދުމަށް ހުރި ދަތިކަމެވެ.

" ތަރައްގީވަމުން އަންނަ ލިސްޓަށް ރާއްޖެ ވެސް ގްރެޖުއޭޓް ވުމަށް ފަހު، ދެން ފެންނަނީ މާލީ އެހީތެރިކަން ދިނުމުގައި ހުރަސްތައް އަންނަ ތަން، ކުރިން ހުރި ޝަރުތުތަކުގެ ފައިދާ އެބަ ނަގާ، ދެން އަޅުގަނޑުމެންގެ އިގުތިސޯދު މަޑުމަޑުން އަނެއްކާ ވެސް ދަނީ ފަހަތަށް، މޫސުމީ ކާރިސާއާ ގުޅިގެން ނަގަން މި ޖެހެނީ ދަތި އަދި ވުމަށް ވުރެ ނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވޭ ނިންމުންތަކެއް،"

"އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ ކޮންމެ ވެސް އެއް ކަމެއް ދޫކޮށްލަން، ސާފު ބޯފެންތޯ މުހިންމީ، ނޫނީ ގޮނޑުދޮށް ހިމާޔަތްތޯ ކުރާނީ، މިއިން އެއް ކަމެއް އިހުތިޔާރު ކުރަން މަޖުބޫރުވޭ، މިއީ އެއް ގޮތަކަށް ވެސް އެ ކަން ވެގެން ވާނެ ގޮތެއް ނޫން،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

މަލްޓިލޭޓަރަލް ޑިވެލޮޕިން ބޭންކްސްތަކުގެ ސްޓޭކް ހޯލްޑަރުންނަށް ކުދި ޖަޒީރާ ގައުމުތަކުގެ ހިމާޔަތާއި ރައްކާތެރި ކަމަށް ފައިނޭންސް ހޯދުމުގެ ގާބިލްކަން އެބަ ހުރި ކަމަށް ރައީސް ވިދާޅުވި އެވެ. މާލީ ނިޒާމުގައި މިހާރު ހުރި މިންގަނޑުތައް ބަދަލުކޮށް ވީހާވެސް ލުއި ޝަރުތުތަކަކާއެކު ފައިނޭންސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް މުއިއްޒު އެ އިދާރާތަކަށް ގޮވާލެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!