ޚަބަރު

މިޗެނަލް އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި ނަފްރަތު އުފައްދަން ހިތްވަރުދޭނެ ބައެއް ނޫން: ޗެނަލް 13

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިއްޔެ މެންދުރު 1:00 ގަައި ޗެނަލް13 އިން ބްރޯޑްކާސްޓު ކުރި "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އެ ޕްރޮގްރާމަށް ގުޅި ބައިވެރިއަކު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ހުޅު ޖެހުމަށް ގޮވާލިކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by Hajj Corporation

މި މައްސަލައާއި ގުޅިގެން ޗެނަލް13 އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޗެނަލް 13 އިން  ބުނެފައިވަނީ އެމީހާ ޕްރޮގްރާމަށް ގުޅައިގެން ދެއްކި ވާހަކަ އަކީ އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކަ އެއް ކަމަށާއި އެމީހާ އެހެން ބުނުމުން ޗެނަލް13 އިން ވަގުތުން ވާނީ އެ ފޯން ކޯލު ވެސް ކަނޑާލައިފައި ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.

އެ ފޯންކޯލް ވަގުތުން ކަނޑާލި ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓު ކުރެވިފައިވާތީ އެކަމަށް ޓަކައި ޗެނަލް13 އިން ވަނީ ބެލުންތެރިންގެ ފަރާތުން މަޢާފަށް އެދިފައެވެ.

ޗެނަލް13ގެ މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ޗެނަލް އަކީ އަނިޔާވެރިކަމާއި އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ ގާނޫނާއި ޚިލާފު ކަންކަން ކުރުމަށް އެ ޗެނަލްގެ ފަރާތުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އިއްޔެގެ ވަގުތެއްގައި ޓީވީ ޗެނަލް އަކުން ގެނެސްދިން ޕްރޮގްރާމެއްްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލައިފައިވާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅޭ އިތުުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!