ޝަހީމް ވިދާޅުވަނީ ހައްގު ނޫން ކަމަށް އަޑުފެތުރުނު މީހާ އަކީ ފަގީރެއް ކަން ލިޔެކިއުންތަކުން އެނގޭ ކަމަށް

ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ސަރުކާރުގެ ހަރަދުގައި މި އަހަރު 50 ފަގީރުން ހައްޖަށް ފޮނުވިއިރު، ފަގީރު ނޫން މީހަކު ހިމެނޭ ކަމަށް ދެކެވޭ ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދޮގުކޮށްފި އެވެ.
ފަގީރުންގެ ޝަރުތު ހަމަނުވާ މީހަކު ހިލޭ ހައްޖަށް ފޮނުވި މީހުންގެ ލިސްޓުގައި ހިމެނޭ ވާހަކަތަކެއް ދައުރުކުރުވަން ފެށީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. ހައްޖަށް ފުރަން ގޮސް ހުރި މީހަކު ޕީއެސްއެމް އަށް ދިން އިންޓަވިއުގައި އޭނާގެ ޝުއޫރު ފާޅުކޮށް ވާހަކަ ދައްކާފައިވާއިރު، އެ މީހާއަކީ ފަގީރެއް ނޫން ކަމަށް ޝޯޝަލް މީޑިއާގައި ކިޔަން ފެށި އެވެ. އެއީ ޓީޗަރެއް ކަމަށާއި އޭނާ ފަގީރުންގެ ލިސްޓުގައި ހިމެނުނީ ކިހިނެއްތޯވެސް ސުވާލުކުރި އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުގައި ޝަހީމް ވިދާޅުވެފައިވެ އެވެ.
މިއަދު އެއާޕޯޓުގައި ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު ވިދާޅުވީ މީހަކު މަޝްހޫރުކޮށް ފެނުމަކީ އެމީހާ މުއްސަނދިކަމުގެ ހެއްކެއް ނޫން ކަމަށެވެ.
"އިއްޔެ މުއްސަނދިކޮށް ހުރި މީހަކު މިއަދު ފަގީރުވެދާނެ، މިއަދު ފަގީރުކޮށް ހުރި މީހަކު މާދަމާ މުއްސަނދި ވެދާނެ" މީހެއްގެ ޝަހުސަށް އުނިކަމެއް އަންނަ ގޮތަށް ވާހަކަ ނުދައްކަން އިލްތިމާސް ކުރަމުން މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެމީހާގެ ލިޔެކިޔުންތައް ބަލާފައިވާ ކަމަށާއި އޭނާ އަކީ ފަގީރުންގެ ދަފްތަރުގައި ލިސްޓުގައި އޮތް މީހެއް ކަމަށެވެ. ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ލިސްޓުގައި އެ މީހާ ހިމެނުނީ ފަގީރުންގެ ލިސްޓުން ނެގި ގުރުއަތުންނެވެ.
"ފައިލް އަޅުގަނޑު ބަލާލިން، އެއީ ކޮވިޑް-19 ހާލަތާ ގުޅިގެން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރިވި މީހެއް އެއީ. އޭނާގެ ޑޮކިއުމެންޓްސް ބުނާ ގޮތުން ދިވެހިރާއްޖޭގެ ދަފްތަރަށް އެރުވުމަށްޓަކައި ބަލާ ހުރިހާ ޝަރުތުތަކެއް އޭނަގެ ފުރިހަމަވޭ. އެހެންވީމާ ޑޮކިއުމެންޓްސްތައް ފުރިހަމަކޮށް ހުރީ" ޝަހީމް ސާފުކޮށްދެއްވި އެވެ.
ފަގީރުންގެ ދަފްތަރު އެކުލަވާލުމުގެ ގަވާއިދުތަކެއް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ. ޝަހީމް ވިދާޅުވީ އެ ގަވައިދުތަކުގެ ތެރެއިން އެ ލިސްޓު ރިވިއުކުރާނެ ކަމަށެވެ.







ކޮމެންޓް