ޚަބަރު

ގާހުދުވާތީ ފަޅުކޮނުމާއި ބިން ހިއްކުން މަނާކޮށްފައި އޮތް އޮތުން އުވާލައިފި

އަލީ ސަމާޙް ، ދެން އޮންލައިން

މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރަކަށްވާތީވެ ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ފަޅުކޮނުމާއި ބިންހިންކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައިވާ ވަގުތީ ފިޔަވަޅުތައް އުވާލައިފި އެވެ.

Ads by STELCO

ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އިއްޔެގެ ނިޔަލަށް ފިޔަވަޅުތަކެއް ވަނީ އަޅާފައި އެވެ.

އީޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައި ކަމަށެވެ. ނަމަވެސް، ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫއަވާއިރު، އީއައިއޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަމައެހެންމެ، ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫއުތަކުގައި، މިވަގުތު މޫދާއި ފަރު ހިމެނޭ ސަރަޙައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް އޮގަސްޓު،31 ގެ ފަހަށް ކުރިއަށްގެންދާ ގޮތަށް އެޖެންސީން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!