ޚަބަރު

ގައިން ގަޔަށް އަރާ ރޯގާތައް އިތުރުވާތީ އީދު ޗުއްޓީގައި ސަމާލުވާން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލެއިން ރަށްރަށަށް ބަޔަކު ދަތުރު ކުރަނީ.. ދެން އިމޭޖްސް

މި ދުވަސްވަރަކީ ޑެންގޫ އާއި ޗިކުންގުންޔާ ފަދަ ގައިންގަޔަށް އަރާ ބަލިތައް އިތުރުވަމުންދާ ދުވަސްވަރެއް ކަމުން ކުރިޔަށް އޮތް ޗުއްޓީ ދުވަސްތައް ހޭދަ ކުރާއިރު އެކަމަށް ސަމާލު ވާން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

Ads by Hajj Corporation

އެޗްޕީއޭއީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ދަތުރުފަތުރު ކުރުމުގައި އާއި ޗުއްޓީ ހޭދަކުރުމުގެ ހަރަކާތްތަކުގައި ޝާމިލްވެ އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޑެންގޫ އާއި ޗިކުންގުންޔާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަ ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ބުނެފަައެވެ.

ކޮވިޑް 19 އާއި އިންފުލުއެންޒާ ފަދަ އަރިދަފުސް ރޯގާތަކުން ރައްކާތެރިވާން އަޅާ ބައެއް ފިޔަވަޅުތައް:

  • ރޯގާ ޖެހިގެން ދިގުލައިގެން ދާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން.
  • ރޯގާގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނުގައި އަންގައާއި ނޭފަތް ނިވާވާނެހެން މާސްކް އެޅުން
  • ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން.
  • އިންފްލުއެންޒާ އަދި ކޮވިޑްގެ ޑޯޒްތައް ފުރިހަމަ ކުރުން.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތައް:

  • ކެއުމުގެ ކުރިން އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމާއި ރޯ ތަރުކާރި އާއި މޭވާ ރަނގަޅަށް ދޮވުން.
  • ފާހާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލު ކުރުމަށްފަހު ރަނގަޅަށް އަތްދޮވުން
  • ކާބޯތަކެތި ރައްކާ ކުރާއިރު ދިރޭ ސޫފާސޫފި ނޭރޭނެހެން ރައްކާތެރިކުރުން
  • ތާޒާ ކާބޯތަކެތި ބޭނުން ކުރުން
  • ކުނި ރައްކާ ކުރުމުގައި މަތި ޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި ވީހާވެސް އަވަހަށް ކުނި އުކާލުން
  • ބޭރަށް ހިންގުމުގެ އަލާމާތް ދިމާވާނަމަ ކުދިން ސްކޫލަށް ނުގެންދިޔުން

މީގެ އިތުރުން ޑެންގޫ އަދި ޗިކުންގުންޔާ އިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅައް ނިވާވާ ގޮތައް ހެދުން އެޅުން، މަދިރި ލޯޝަން ލުމަށް ހާއްސަ ސަމާލުކަމެއް ދިނުމައް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!