މީހުން އުފުލީ ރަހުމުކުޑަގޮތަކަށް، ފުލުހުން ބުނީ މައްސަލަ ބަލާނެކަމަށް
ލޮރީއެއްގެ ތަށިގަނޑު މައްޗަށް ގިނަ އަދަދެއްގެ ބަޔަކު އަރުވައިގެން، ބަންދުކޮށްގެން އުފުލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ސިނަމާލެ ބްރިޖު މަތިން ދުއްވާފައިވާ ދިޔަ ލޮރީއެއްގެ ފަހަތަށް ބަޔަކު އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުުރުވަމުންނެވެ.
ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ލޮރީގެ ފަހަތު ބައިގައި ދަގަނޑު ޖަހައި ހުރީ ބަންދުކޮށްފަަ އެވެ. އޭގެ ފަހަތުގައި ހަރުކޮށްފައި ހުރި ދޮރުގެ މަތިން ޖާލިކޮޅެއް ހުރިއިރު އެތެރޭގައި ތިބި އެއް ބަޔަކު ތިބީ ޖާލިން ބޭރަށް އަތް ދިއްކޮށްގެން ދަގަނޑުގައި ހިފަހައްޓައިގެންނެވެ.
ލޮރީގެ ފަހަތުގައި ސަފަކަށް ހަތް މީހުން ފިތިގެން ތިބިއިރު, އޭގައި ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް ލަފާކުރެވެ އެވެ.
އެ ވީޑިއޯއަށް ކޮމެންޓުކުރި މީހުން ބުނީ އެއީ މުވައްޒަފުންނާ މެދު ކަންކޮށްގެންވާނެ ގޮތެއް ނޫން ކަމަށެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ޓެގްކޮށް މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެގޮތަށް މީހުން ބަންދުކޮށްގެން އުފުލުމަކީ ހުއްދަކަމެއްްތޯ އަހައި ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ޝިފާން ވިދާޅުވީ އެއީ ހުއްދަ ކަމެއް ނޫނެވެ. ތަހުގީގެއް ފަށައި، ގާނޫނާ ހިލާފަށް ހިންގާ މިފަދަ ކަންކަން ހުއްޓުވުމުގައި އިތުރަށް ސަމާލުވާނެކަމަށް ޝިފާން ވިދާޅުވި އެވެ.
އެ ޕޯސްޓަށް ކޮމެންޓުކުރި މީހަކު ބުނެފައިވާ ގޮތުން ލޮރީން އުފުލީ އެމްއޭސީއެލްގެ ޓާމިނަލް މަސައްކަތްކުރަން ގެނެސްފައިވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީގެ މުވައްޒަފުން ކަމަށެވެ.