ކުޅުދުއްފުށި ޕެރޭޑު، މަސްވެރި ވަޒީރު ޝިޔާމުގެ ސަމާލު ކަމަށް

އުތުރުގެ އެންމެ އާބާދީ ބޮޑު ހދ. ކުޅުދުއްފުށި ސިޓީން ކޮންމެ ބޮޑު އީދެއްގައި ގެންދާ މަށިމާލި ޕެރޭޑުގައި ދައްކާ މަޖާޒީ އުކުޅުގެ ފާޑުކިޔުންތަކަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ތައުރީފު ކުރައްވައިފި އެވެ.
މިފަހަރުގެ ޕެރޭޑުގައި ވެސް ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި، ސިޔާސީ ޖޯކުތައް ހިމެނޭހެން ގިނަ މާލިތައް ނެރެފައިވެ އެވެ.
އަބަދުވެސް އެ އަހަރުގެ އެންމެ ދެކެވޭ އަދި އާންމުންގެ ކަންބޮޑުވުންތައް ރަމްޒުކޮށްދޭ ފުޅަނދުބުރުތައް ނެރޭތީ، މި އަހަރުގެ ޕެރޭޑުގައި މަސްވެރިންނަށް ވަގުތުން ފައިސާ ނުދެވޭ މައްސަލަ ފެންނާނެ ކަން ކުރިން ވެސް ބެލެވުނެވެ. ގިނައީ ވެސް އޭގެ މާލިތަކެވެ.
މިނިސްޓަރު ޝިޔާމްގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ހަރަކާތެއް ކަމަށެވެ.
"ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި. އީދު މުބާރަކް،" ވަޒީރުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މަސްވެރިންނަށް ފައިސާ ދިނުން ލަސްވެފައިވާކަން ހާމަކޮށް "މަސް ބުހުތާން ނަން ކިރާ މަހުގެ ރުފިޔާ ދެވޭނީ 48 ދަރިން ވިހާފަހުން" އަދި "ޗަކޮއި ލާރިކޮޅު ކޮބާ" ކަމަށް ލިޔެފައިވާ އުޅަނދެއްގެ ފުޅަނދަކީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު މާއްޔެވެ. އަދިވެސް އޭގެ ގިނަ މާލިތަކާއި ފުޅަނދުތައް ހުއްޓެވެ.







ކޮމެންޓް