ރާއްޖެއިން ފަނޑިޔާރުންނާ ގުޅޭ ގަރާރެއް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅަނީ
 
                                                        ދިވެހި ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ގަރާރެއް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.
އިއްޔެއިން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށް ކުރިއަށްގެންދާ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 56 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ބައްދަލުވުމަށް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސްޓޭޓްމެންޓުތަކެއް ހުށަހަޅާނެ ކަމަށެވެ. އެގޮތުން:
- ޖެނީވާގައި ހުންނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ފަރާތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ހިރާސްކުޑަކުރުމަށް ފަންނީ އެހީތެރިކަމާއި ގާބިލުކަން އިތުރުކުރުމާ ގުޅޭ ޖޮއިންޓް ސްޓޭޓްމެންޓެއް ހުށަހަޅާނެ
- ވިމެން އިން ޑިޕްލޮމަސީ އެންޑް މަލްޓިލޭޓަރަލިޒަމްގެ ކޯ ގްރޫޕްގެ ދަށުން އިންކްލޫސިވް މަލްޓިލޭޓަރަލް ސިސްޓަމަކަށް އަންހެނުންގެ ހަމަހަމަ ބައިވެރިވުން އޮތުމާ ގުޅިގެން ޖޮއިންޓް ސްޓޭޓްމަންޓެއް ހުށަހަޅާނެ
- ކްރޮސް ރީޖަނަލް ކޯ ގްރޫޕަކާ ގުޅިގެން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ގަރާރެއް ހުށަހަޅާނެ
ހިއުމަން ރައިޓްސް ކައުންސިލްގެ 56 ވަނަ ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ސަފީރު ޑރ.ސަލްމާ ރަޝީދެވެ. މި ބައްދަލުވުން ކުރިއަށްދަނީ ސްވިޓްޒަލޭންޑްގެ ޖެނީވާގަ އެވެ.
 
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
