ޚަބަރު

ސިކުނޑިއާ ސްޕައިނަލް ކޯޑަށް ބޮޑު ގެއްލުމެއްވާ، ގައިން ގަޔަށް އަރާ ބައްޔެއް ރާއްޖެއިން ފެނިއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން

ގައިން ގަޔަށް އަރާ ފުއްޕާމޭގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ "މެނިންގޯކޮކަލް" ރާއްޖެއިން ފެނިއްޖެ އެވެ.

Ads by STELCO

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކު ވަނީ ރާއްޖެއިން އެ ބައްޔަށް މީހަކު ޕޮޒިޓިވްވެފައިވާކަން "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

"އެއް ކޭސް ވަނީ ފެނިފައިީ" އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އެޗްޕީއޭއަކުން ނުދެ އެވެ. ނަމަވެސް "ދެން" އަށް އެނގިފައިވާ ގޮތުގައި އެ ބަލި ޖެހުނީ ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އައި 39 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފަ އެވެ. ނިޔާވި މީހާ އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅާ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އެވެ.

މެނިންގޯކޮކަލް ބައްޔަކީ ސީރިއަސް ބެކްޓީރިއަލް އިންފެކްޝަނެކެވެ. އެ ބަލި ޖެހުމުގެ ސަބަބުން ގުނަވަންތައް ހަލާކުވުން ނުވަތަ ގުނަވަންތައް މަރުވެ އެވެ. މެނިންގޯކޮކަލް ބަލީގެ ދެ ވައްތަރެއްގެ އިންފެކްޝަން އުފެދެ އެވެ. އެއީ މެނިންޖައިޓިސް އާއި ލޭގެ އިންފެކްޝަނެވެ.

މެނިންޖައިޓިސް އިންފެކްޝަނުން ހަށިގަނޑުގެ ތެރެއަށް ބެކްޓީރިއާ ވަދެ ސިނކުޑިއާ ސްޕައިނަލް ކޯޑަށް ބޮޑެތި ގެއްލުންތަކެއްދެ އެވެ. މި ބަލީގެ ފަރުވާ އަށް ދެނީ އެންޓިބަޔޮޓިކް އެކެވެ. އަވަސް ފަރުވާ ބޭނުންވާ މި ބަލިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅަކީ ވެކްސިން ޖެހުމެވެ.

މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި، ގަދަޔަށް ހުން އައުން، ބޮލުގައި ރިއްސުން އަދި ހޮޑުލެވުމުގެ އިތުރުން ފައިގެ ހުޅަށް ތަދުުވުން ހިމެނެ އެވެ. މި ބަލިފެތުރެނީ ވަޔާއި ކުޅުގެ ޒަރިއްޔާއިންނެވެ. އެއްތަނެއްގައި އުޅޭ ބަޔަކަށް ބަލިފެތުރުމުގެ ފުރުސަތު ބޮޑެވެ.

އެެމެރިކާގެ ސެންޓާ ފޯ ޑިޒީޒެޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވާ ގޮތުން މި ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން 1 އަހަރުން ދަށުގެ ކުޑަކުދިންނާއި، 23-16 އަހަރާއި ދެމެދުގެ މީހުންގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!