ޚަބަރު

ޖަލުގައި ހުއްޓާ ޖަމީލު ނިޔާވި މައްސަލަ އެޗްއާރްސީއެމުން ބަލަން ފަަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
މާފުށީ ޖަލުގައި ނިޔާވި ޖަމީލު

އިއްޔެ މާފުށި ޖަލުގައި، ހުކުމް ތަންފީޒުކުރަމުން ގެންދަނިކޮށް ށ. ފުނަދޫ، ޒަމާނީ ވިލާ، މުހައްމަދު ޖަމީލުު (45އ)ނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

Ads by Sosun Fihaara

ޖަމީލު ނިޔާވީ އަނިޔާގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.

"މައްސަލާގައި ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށް ކޮމިޝަނުން ދަނީ މައުލޫމާތު އެއްކުރަމުން" އޮފިޝަލް ވިދާޅުވި އެވެ. އެޗްއާރްސީއެމުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ މި ވަގުތު އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށެވެ.

ޖަމީލުގެ ޖަނާޒާ ބާއްވާފައިވަނީ ފަތިސް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގަ އެވެ. އޭނާ ވަޅުލަން ހުރަސް އަޅައި ހަށިގަނޑު ގެންދަން ފުލުހުން މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު ފަހުން ފުލުހުން ވަނީ ހުއްދަ ދީފަ އެވެ. ޖަމީލުގެ ކަށުނަމާދުގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަމީލުއާ ދެބެއިންގެ ދެ ދަރި އަދި މިދިޔަ ސަރުކާރުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި މޫސާ އަލި މަނިކު (މޫކޭ) އެފްބީގައި ކުރި ޕޯސްޓެއްގައި ވަނީ ސުވާލު އުފެދޭ އެތައްކަމެއް ހުއްޓާ ގުދުރަތީ މަރެކޭ ބުނެ އިހާނެތި ކަމާއެކު ބޮޑީބޭގުގައި ޖަމީލުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރި ކަމަށް ތުހުމަތުތަކެއް ކޮށްފަ އެވެ.

"ހޮސްޕިޓަލުން ބުނީ އާއިލާއިން ސަހަރާއަށް ގެންދާށޭ. އެންބިއުލެންސްގައި ބަލާއައީ ވަރަށް ހެޔޮ ބޭބެއެއް ކަމުން މައްޔިތާ އެއޮތްގޮތަށް ގެންދިއުމަކީ ކުރަންވާނެ ކަމެއް ނޫންކަމަށް ބުނެ ހޮސްޕިޓަލުގެ ދެ އެހީތެރިންނާއެކު ބޭގުންނަގާ ހަށަމަށް އަތްނަގާ ބޮޑީ ތެދުކޮށް ސަހަރާއަށް ގެނެވުނު" މޫކޭގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއިލީ ބައްދަލުވުމަށް އެދިގެން އެފުރުސަތުވެސް ކަރެކްޝަނުން ދީފައިނުވާ ކަމަށެވެ.

"އަނިޔާގެ އަސަރުތައް ހަށިގަނޑުގެ އެތައް މިތާ ހުރިއިރު އެއީ ނުވާކަމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް... ފުލުހުންގެ ފަރާތުން 12 ޖަހާ ބޮޑުވި ފަހުން ބޭކަލަކު އައިސް ބޮޑީ ގެންދަން ބޭނުން ވާހަކަ ބުނިއިރު ހިނަވާ ކަފުންކޮށް ނިމިއްޖެ. އާއިލާއާ ދެކޮޅަށް ގަދަކަމުން ބޮޑީ ގެންދިއުމަށް ފުލުހުންގެ ބޮޑު ފައުޖަކާއެކު އައިސް ފަތިސް ނަމާދަށް ފަހު އޮތް ޖަނާޒާ ހުއްޓުވި" މޫކޭ އެފްބީގައި ލިޔުނު އެ ޕޯސްޓުގައި ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަން އާއިލާއިން އިއުތިރާޒްކުރާ ކަމަށެވެ. އެހެންވެ އާއިލާއިން ބޭނުންވި ގޮތަށް ވަޅުލުމުގެ ހުއްދަދިން ކަމަށެވެ. ހަށިގަނޑުގެ ޕޯސްޓު މޯޓަމް ހަދަން ނިންމީ އޭނާ މަރުވީ އަނިޔާގެ ސަބަބުންކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަން ފެށުމުންނެވެ.

ރޭ ހޯމް މިނިސްޓަރު އިހުސާން އެކްސް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ސީސީޓީވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލުގެ ފަހު ވަގުތު ހޭދަކުރީ ނަމާދުގައި ކަމަށެވެ.

"ސީސީޓިވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލު ނިޔާވެފައި އޮއްވާ ފެނުނީ މިއަދު (28 ޖޫން) ހެނދުނު ގޮޅީގައި ނަމާދުކުރަން ސަޖިދާގައި އޮއްވާ" އިނގިރޭސި ބަހުން މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ކަރެކްޝަނުން ބުނެފައިވާ ގޮތުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ޖަމީލު، ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވެ އެވެ. އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިނެވެ. އަދި 12:45 ގައި  ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދީފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!