ޚަބަރު

ވަގަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓް އަތުލައިގަނެފި

އަލީ ސަމާޙް ، ދެން އޮންލައިން
މޯލްޑިވްސް ކަސްޓަމްސް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 173 ސިނގިރޭޓް ކާޓޫން ކަސްޓަމުން އަތުލައިގަނެފި އެވެ.

Ads by STELCO

ކަސްޓަމްގެ ރަސްމީ އެކައުންޓުން މިއަދު 'އެކްސް' ގައި އާއްމުކުރި ބަޔާނެއްގައި ބުނީ، ކަސްޓަމްްސްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް ރާއްޖެއަށް، ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތުކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގެ 4 ތަނެއް ބުދަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ، އެ އޮޕަރޭޝަންގައި އަތުލައިގަތް 173 ސިނގިރޭޓް ކާޓޫން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ އިދާރާއިން ބުނީ އެ ތަކެތީގެ މާކެޓް ވެލިއުއަކީ 1.6 މިލިއަން ދިވެހި ރުފިޔާ ކަަމަށެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ އެ އިދާރާގެ މަަސައްކަތްތައް ބައްޓަންވެފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލް އަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިޔާއަތްކޮށް މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މައްޗަށް ކަމަށެވެ.

އެގޮތުން ކަސްޓަމްސް އަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް ގާނޫނާ ގަވާއިދު ހިލާފު އަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި މުދާ ކްލިއާކުރުމުގެ ފުރުސަތުދިނުމަށްފަހު ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާސިލުވުމަށްޓަައި "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ހިންގާ އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭ، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތު އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަ ކަސްޓަމްސްގެ ގާނޫނާ ގަވާއިދާ އެއްގޮތުގެ މަތިން ތަހުގީގުކޮށް ފިޔަވާޅު އަޅާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!