ޚަބަރު

ޖަލު އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު ކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށްފި 

އަލީ ސަމާޙް ، ދެން އޮންލައިން

ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކު ސައިކަލުގައި ދުއްވާފައި ދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MWSC

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހުމަދު އިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) އާއި އަހުމަދު ރަބީއު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖޫން 11 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލިއިރު ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ޖަލު އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުވެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން ެިއިޔާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ ޖޫން 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

އަދި ރަބީއި ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، ޖޫން 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މިހާދިސާގައި ޕްރިޒަން އޮފިސަރަށް އަނިޔާ ލިބިފައިނުވެއެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!